މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމާ ގުޅޭ ގޮތުން އަދާލަތުން އެމްޑީޕީއާ މަޝްވަރާ ކޮށްފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑަައިގެން އެމަނިކުފާނު އަދާލަތު ޕާޓީއަށް ފޮނުއްވި ސިޓީއާ ގުޅިގެން އަދާލަތުން ރޭ އޮތީ އެމްޑީޕީއާ މަޝްވަރާ ކުރަން ނިންމާފައެވެ. އެކަމަށް ހާއްސަ ޓީމެއްވެސް ރޭ އެކުލަވާލައި އެޓީމުގައި އިމްރާން އަބްދުالله (ރައީސް)، އަހުމަދު ޝަރީފް (ނާއިބް ރައީސް)، އިއާދު ހަމީދު (ނާއިބް ރައީސް)، އަހުމަދު ނައުޝާދު (ނާއިބް ރައީސް)، އަލީ ނަޒީރު (އިސްތަރުޖަމާނު)ގެ އިތުރުން އަހުމަދު ޝިޔާޒު (އަމީން އާންމު) ވަނީ ހިމަނާފައެވެ.
މިއަދު އަދާލަތުން އެމްޑީޕީއާ މަޝްވަރާ ކުރި ނަމަވެސް އެ މަޝްވަރާތަކުގައި އެއްބަސްވެވުނު ކަންކަން ދެފަރާތުން ކުރެ ފަރާތަކުން ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނާ ގޮތުން، އަދާލަތުން ބައެއް ކަންކަން ހުށަހެޅި ކަމަށާއި އޭގެ ތެރެއިން މިވަގުތުން ވަގުތަށް އެއްބަސް ވެވެން ހުރި ކަންކަމަށް އެމްޑީޕިގެ ފަރާތުން އެއްބަސްވެފައި ވެއެވެ.
ރޭ އެމްޑީޕީ އާ ބއްދަލުކުރަން އަދާލަތުން ނިންމި އިރު، ބުނެފައި ވާ އަނެއް ވާހަކަ އަކީ، އެހެން ސަރުކާރުތަކާ އަޅާ ބަލާ އިރު ރައީސް ސޯޯލިހުގެ ސަރުކާރުގައި އަދާލަތަށް ކުރެވުނީ ފަހި ތަޖުރިބާއެއް ކަމަށެވެ. މިއީ އަދާލަތުން ރައީސް ސޯލިހަށް ތާއީދު ކުރަން ނިންމުން ކަމުގައި ސިޔާސީ މާހިރުން ވިދާޅުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް މި މަހުގެ 17 ވަނަ ދުވަހު ރައީސް ސޯލިހު އަށް އަރުވާފައި ވާއިރު، ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ސޯލިހު އަށް ދީފައެވެ. އެހެންކަމުން ރައީސް ސޯލިހް ގެންދަވަނީ އިންތިހާބަށް، ކޯލިޝަނާއެކު ނިކުމެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ.