ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، ޔާމީންގެ މައްސަލަ އިސްތިއުނާފްކޮށްފައިވާ ކަމަށާއި ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފިން. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް.
ޑރ.މުހައްމަދު ޖަމީލު އަހުމަދު

ކުރިއަށް އޮތް އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޔާމީންގެ މައްޗަށް އާރަށުގެ މައްސަލައިގައި ކުރި ހުކުމާ ގުޅިގެން އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވުމުގެ ފުރުސަތު ކުޑައެވެ. ޔާމީނަށް އޮތް ހަމައެކަނި ގޮތަކީ އެ ހުކުމް އިސްތިއުނާފުވެފެން މިނިވަންވުމެވެ. ފުއްގިރި މައްސަލަ ސާބިތުވެއްޖެ ނަމަ އެ ހުކުމް ބާތިލްކުރަން ވެސް ޖެހޭނެއެވެ.