އާބާދު ވަމުން އަންނަ މާލޭގެ އަވަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހުޅުމާލޭގައި ޒަމާނީ ވަސީލަތްތަކެއް މިހާރުވެސް ގާއިމު ކުރެވިފައިވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަޝްރޫއު ތަކެއް ރާވާފައި ހުރިކަމަށް ހައުސިންގް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
މި ވަގުތު ހުޅުމާލެއަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު އާބާދު ވަމުން އަންނަ ރަށްް ކަން ފާހަގަ ކުރަމުން އެޗްޑީސީން ބުނީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ފެންވަރެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގުނަ މަސައްކަތް ތަކެއް މިހާރުވެސް ކުރެވިފައި ވާ ކަމަށެވެ. އެގޮތުން ކޮމާޝަލް ޔުނިޓްތަކުގެ ހިދުމަތްތަކަކީ މިހާރުވެސް ފޯރުކޮށްދެމުން ގެންދާ ހިދުމަތެއް ކަމަށް އެޗްޑީސީން ބުނިއެވެ.
މީގެ އިތުރުން، ދެ ޕެޓްރޯލް ޝެޑްގެ ހިދުމަތް ދެމުން އަންނަ އިރު، އެތަނުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކާރާއި ސައިކަލް ދޮވެ ކުދި ރިޕެއާ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. އަދި ހުޅުމާލެއަކީ ކުޑަ ކުދިންނަށް ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމުގައި އިސްކަންދޭ ކަމަށް ބުނެފަައި ވެއެވެ.
އެގޮތުން ވޯޓާ ފްރަންޓް ކޮމާޝަލް ކޮމްޕްލެކްސްގެ އިމާރާތުގައި ގިނަ ފްރެންޗައިސް ތަންތަނުގެ ހިދުމަތް ދިނުމުގެ އިތުރުން ކެފޭ ކޯޓެއް ގާއިމު ކުރެވެމުންދާ ކަމަށާއި ހަ ކެފޭ ހިމެނޭނެ މި އިމާރާތުގައި ކުދި ހަފްލާތައް ބާއްވާނެ ޖާގައިގެ އިތުރުން ސްވިމިން ޕޫލްއެއް އޮންނާނެއެވެ.
އާންމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށް، ފިޓްނަސް އެންޑް ވެލްނަސް ސެންޓަރެއް ގާއިމު ކުުރުމުގެ މަސައްކަތް ވެސް ވަނީ ބަޔަކާ ހަވާލު ކޮށްފައި ކަމަށް އެޗްޑީސީ އިން މައުލޫމާތު ދިނެވެ.
އަދި ވިޔަފާރި ވެރިންނަށް ފަހި ފުރުސަތު ތަކެއް ހޯދާދިނުމުގެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ގިނަ ކޮމާޝަލް ޔުނިޓްތަކެއް އިމާރާތް ކުރުމަށް ހަވާލު ކުރެވިފައިވާ ކަމަށާއި އުންމީދަކީ ވީ އެންމެ އަވަހަށް ނިންމައި އެ ހިދުމަތްތަކުގެ ބޭނުން ރަނގަޅު ގޮތުގައި އާންމުންނަށް ހިފޭނެ މަގު ފަހި ކޮށްދިނުން ކަމުގައި ބުނެއެވެ.
އެޗްޑީސީގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެ އިން ހުރިހާ ހިދުމަތްތަކެއް ވެސް އެންމެ ޒަމާނީ ފެންވަރުގައި ފަސޭހަ ކަމާއެކު ލިބިދޭ ގޮތް ފަހި ކޮށްދިނުން ކަމުގައި އެ އިދާރާއިން ބުންޏެވެ. އެގޮތުން ދާދި ފަހުން ވަނީ ހުޅުމާލޭގައި ސްމާޓް ޕާކިން ތައާރަފު ކުރުމަށް ތައްޔާރުވަމުން ދާ ކަމަށް އެޗްޑީސީއިން އިއުލާން ކޮށްފައެވެ.