މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާ ކުރަން އަދާލާތު ޕާޓީން ނިންމައިފިއެވެ.
އަދާލާތު ޕާޓީން މި ގޮތަށް ނިންމާފައި ވަނީ މިރޭ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ކުއްލި ބައްދަލުވުމުގައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީން ބުނެފައި ވަނީ، ރައީސް ސޯލިހަށް ތާއީދު ކުރާނެތޯ އައްސަވާ ފޮނުއްވާފައި ސިޓީއާ މެދު ގޮތެއް ނިންމުމަށް މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަނީ އެ ކަމަށް ގޮތެއް ނިންމުމުގެ ކުރިން އެމްޑީޕީއާ އެކު މަޝްވަރާ ކުރަން ނިންމާފައި ކަމަށެވެ.
ރައީސް ސޯލިހް ވަނީ މި ދައުރުގައި އެމްޑިޕީއާއެކު ކޯލިޝަން ހަދާފައިވާ ހުރިހާ ޕާޓީއަކަށް އެމަނިކުފާނަށް ތާއީދު ކުރައްވާނެ ތޯ އައްސަވާ ސިޓީފުޅު ފޮނުއްވާފައެވެ. އެ ދައުވަތަށް އަދި ވަކި ޖަވާބެއް އެއްވެސް ޕާޓީއަކުން ދީފައެއް ނުވެއެވެ.
މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރައީސް ސޯލިހަށް އެ ޕާޓީގެ ޓިކެޓް ރަސްމީކޮށް އަރުވާފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެ ޕާޓީން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އަދި ރައީސް ސޯލިހަށް ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ގައުމީ މަޖިލީހުން ދީފައި ވާއިރު ރައީސް ސޯލިހް ގެންދަވަނީ އިންތިހާބަށް ކޯލިޝަނާ އެކު ނިކުމެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވަމުންނެވެ،
މި ގޮތުން ރާއްޖޭގައި ތިންވަނައަށް އެންމެ މީހުން ގިނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާ އެކު ރައީސްގެ މަންދޫބުން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. ރައީސް ސޯލިހްގެ ފަރާތްޕުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމެވެ.
އެ ބައްދަލުވުމުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވިގެން ދިޔައިރު އެމްޑީޕީން ބުނީ އެ ބައްދަލުވުމުގައި ވަކި ހުށަހެޅުމެއް ނެތް ކަމަށާއި އަދި ވަކި ކަމަކަށް އެއްބަސްވެފައި ނުވާކަމަށެވެ. އެހެންނަމަވެސް އެއީ ވަރަށް 'ޕޮޒިޓިވް' ބައްދަލުވުމެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
އަދާލަތު ޕާޓިން އެމްޑީޕީއާ އެކު މަޝްވަރާ ކުރަން ނިންމާފައިވާ އިރު، އެމްޑީޕީ ވަނީ ދެބަޔަކަށް ބެހިފައެވެ. އެ ގޮތުން ރައީސް ސޯލިހާ ދެކޮޅަށް ވަކާލަތު ކުރައްވަނީ އެމްޑީޕީ ޕްރައިމަރީައި އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުން މަޖިލީހުގެ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އިސްކޮށް ހުންނަވައިގެން 'ފިކުރެއްގެ ދިރުން' ނަމުގައި ގޮއްޕެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އަންނަ ރިޔާސީ އިންތިހާބުގައި އެ ގޮފިން ތާއިދުކުރާނެ ކެންޑިޑޭޓަކު އަދި ނިންމާފައެއް ނުވެއެވެ.