އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ދެ އަންހެނަކު މިއަދު ފުލުހުން ހައްޔަރު ކޮށްފައި ވަނީ ބޭއަދަބީ ބަހުން ވާހަކަދައްކައި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި މިއަދު ހައްޔަރުކޮށްފައި ވަނީ ކ. މާލެ، މ. ބަޑިކުޅިމާގެ، އާއިޝަތު ޝާދިޔާ އަދި ގދ. ރަތަފަންދޫ، ލިލީގެ، ޑރ. ޝަޒުރާ އިބްރާހިމް އެވެ. މި ދެ މީހުންނަކީ މާލެއާއި ހުޅުމާލޭގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުން ދާ ދެމީހުންކަން ވަނީ ފާހަގަކުރެވިފައި ވެއެވެ. މީގެ ތެރެއިން ޝާދިޔާ އަކީ ޑރ. މުހައްމަދު އިޔާޒުގެ އަނބިކަނބަލުންނެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ދެ މީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ، ވަކި ސަފީރަކަށް އުނދަގޫވާ ގޮތަށް އަމަލުކޮށްފައި ވާތީ ކަމަށެވެ. އަދި އަޑުގަދަ ކުރާ ބޭނުން ކޮށް ބޭއަދަބީ ބަހުން ވާހަކަދައްކާ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށެވެ.
ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުން ކުރުމުގައި ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ފުލުހުންގެ އިރުޝާދުތަކަށް ތަބާވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
އިޒްރޭލާ ދެކޮޅަށް އަޑުއުފުލުމާ ގުޅިގެން މި ދެ ފަރާތް ހައްޔަރު ކުރި ކުރުން އަދާލަތު ޕާޓީ އިން ވަނީ ކުށްވެރިކޮށްފައެވެ. އެ ޕާޓީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ޒިންމާއެއް ކަމަށާއި، ވަކިން ހާއްސަކޮށް މަސްޖިދުލް އަގްސާގެ ދިފާއުގައި ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށެވެ.
މީގެއިތުރުން ދިވެހިރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމި ނަމަވެސް އެކަން ނުކުރެވި އުޅުމާއި، އިޒްރޭލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދިޔަ ދެ އަންހެނަކު ހައްޔަރު ކުރުންފަދަ ކަންކަމުން، ފަލަސްތީނުގެ ހައްގުގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ރަނގަޅު ހެޔޮ ސްޓޭންޑު ބަދަލުވެފައި ވާކަމަށް ވެސް އަދާލަތުން ވަނީ ބުނެފައެވެ.
އަދާލަތުން ވަނީ މި ދެ މީޙުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ވެސް ގޮވާލާފައެވެ.