އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި އަދާލަތު ޕާޓީއާއި އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށާއި، އެއާއެކު މިއަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވަންވެސް ނިންމަވާފައިވާ ކަމަށެވެ.
ޝަހީމްގެ މި ނިންމެވުމާއި ގުޅިގެން އެ ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ޝަހީމަށް މަރުހަބާ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިނިސްޓަރު ޝަހީމް އަދާލަތު ޕާޓީއާއި ގުޅިވަޑައިގެންފައިވަނީ މީގެ 12 އަހަރު ކުރިންކަމަށްވާއިރު، ރައީސް އަބްދުالله ޔާމީންގެ ވެރިކަމާ ދެކޮޅަށް އަދާލަތު ޕާޓީ އިން މަސައްކަތް ކުރަން ފެށި ހިސާބުން ޝަހީމް ވަނީ އެ ޕާޓީ އިން ވަކިވެވަޑައިގެންފައެވެ.
މިނިސްޓަރު ޝަހީމް ވަނީ ޕީޕީއެމްއާއި ގުޅިވަޑައިގެން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރައްވާފައެވެ. އަދި ޕީޕީއެމް އުވުނު ފަހުން ޝަހީމް އަދި އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.
މީގެކުރީގެ ސަރުކާރުތަކުގެ ކޯލިޝަނެއްގެ ގޮތުގައި އަދާލަތު ޕާޓީ އޮތް ނަމަވެސް އެ ޕާޓީ އަކީ މި ސަރުކާރާއެކު އޮތް ޕާޓީއެއް ނޫނެވެ.