މިއަދު ރ. އަތޮޅު ރޮބިންސަން ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވެ އަޑިއަށް ދިޔައީ ސަޕްލައި ދޯންޏެއް ކަމަށާއި އެއިން ދަތުރު ކުރި 4 މީހުން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މި 4 މީހުން ފެނުނީ، ލ. މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން ކަމަށް ވެސް ބުނެފައި ވެއެވެ.

"ނޫރު-2" ނަމަކަށް ކިޔާ ދޯނީގައި ދަތުރު ކުރީ ދިވެއްސަކާއި 3 ބިދޭސީން ކަމަށާއި އެމީހުން ނަގައިގެން މިހާރު ވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެމީހުން ކަނޑުމަތީގައި ވީ ކިހާ އިރެއް ކަމެއް އަދި އަނިޔާއް ލިބިފައި ވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފް އިން ބުނީ، ބޭރުފުށުން ފެންނަ ގޮތަށް ހާލަތު ބުނަން ނޭނގޭނެ ކަމަށެވެ.

މި ދޯންޏަކީ މަސްވެރިކަމަށް ނިކުމެ އުޅުނު ދޯންޏެއް ކަމަށް ކުރިން ރިޕޯޓް ލިބުނު ނަމަވެސް އެންއެންޑީއެފުން އެކަން ވަނީ ދޮގު ކޮށްފައެވެ.

މިއަދު ހެނދުނު 07:15 ހާއިރު މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި އޮތީ އަޑިއަށް ގޮސްފައެވެ. ނަމަވެސް އެ ދޯނިން ދަތުރުކުރި 4 ފަޅުވެރިން ލ. މާވަށުގެ ދެކުނުން 6 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދުގައި ތިބި އޮފިޝަލުންނަށް ފެނިގެން ނެގިއެވެ.

މިހާދިސާގައި ދޯނީގައި ރޯވަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެއެވެ.