ބޭސް ފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް އެ ގައުމުން ޑީޕޯޓުކޮށްލި ޕީޕީއެމް ހުޅުމާލެ ގޮފީގެ ރައީސް އަބްދުއްސަމަދަށް ހަޖޫ ޖައްސަވައި، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްކެވި ވާހަކައާ ގުޅިގެން ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ހުސައިން ކުއްލި މައްސަލަ ހުށަހަޅުއްވާ ވިދާޅުވީ، މާރިޔާ އެކަމަށް ހަޖޫ ޖައްސަވާފައިވާއިރު، ސިފައިންގެ ހިދުމަތުން މިހާރު ރިޓަޔާވެގެން ހުންނެވި ސަމަދަކީ މި ގައުމު ސަލާމަތްކުރުމަށް ކަމަރު ބަނދެގެން ތިބި މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
މީގެ ކުރިން ވެސް ސިފައިންނަށް މާރިޔާ ބަދުބަސް ރައްދުކުރެއްވި ކަން ފާހަގަކުރައްވާ، ހުސައިން ހުށަހެޅުއްވި މައްސަލައިގައި ގޮވާލައްވާފައި ވަނީ މާރިޔާގެ މައްސަލަ ބަލައި ސަރުކާރުން އޭނާ އަށް ފިޔަވަޅު އެޅުމަށެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު ނެގި ވޯޓުގައި، ވޯޓު ދެއްވި 39 މެންބަރުންގެ ތެރެއިން 31 މެންބަރަކު ވަނީ މައްސަލަ ބޭރުކޮށްލުމަށް ވޯޓު ދެއްވާފައެވެ. ބާކީ މެންބަރުން ވޯޓު ދެއްވީ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށެވެ.
ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް އުޅެނިކޮށް ރާއްޖެ އަށް އަނބުރާ ފޮނުވާލި އަބްދުއްސަމަދު މި މަހު 13 ގައި ރާއްޖެ އަށް އައިސް ދިން އިންޓަވިއު އާ ގުޅިގެން، އޭނާ އަށް ހަޖޫ ޖައްސަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު އެރުވުމަށް މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި މާރިޔާ ވަނީ އަބްދުއްސަމަދަކީ ފިނޑިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
"އަޅުގަނޑުމެންނަށް ފެނުނީ މޫނުގަ އަތް އަޅުއްވައި, އަޅުގަނޑަށް ހީވީ ކުޑަކޮށް ކީރިތި ކުރެއްވުނު ހެން. ކޮންމެއަކަސް ވިދާޅުވީ މުޅި އުމުރު ތިމަންނާ ހޭދަކުރީ ފުލުހުންނާއި ސިފައިންގެ ތެރޭގައޭ. ދިދަ ހިއްޕަވައިގެން ކުރީގައި ޖަޑިބެއްހެން ހުންނަވާތަން ފެނޭ. ވަޑައިގެން ހޭދަކުރެއްވީ މިލިޓަރީ ކީއްކުރަންތޯ، އިމިގްރޭޝަނުގެ ފިނި ކޮޓަރިއެއްގައި. އެކަމަކު އަނބުރާ ވަޑައިގެންނެވީ ކީރިތި ކުރައްވަމުން،"
މާރިޔާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އޭނާ އަށް ފާޑުކިޔައި، އެކަމާ ދެކޮޅަށް އަޑު އުފުލައިފައެވެ.