މި މަހުގެ 23 އިން 26 އަށް ބާއްވަން ނިންމާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ކޮންފަރެންސްގައި އެ ޕާޓީގެ 5 ޑެޕިއުޓީ ލީޑަރުން ހޮވަން ނިންމާފައިވާ އިރު، އެ މަގާމަށް 7 މެންބަރަކު ކުރިމަތިލައްވާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، މިހާތަނަށް 7 މެންބަރަކު ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އާއި، އެންވާރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ އާއި، ޖޭޕީގެ ލީޑަރުގެ އެގްޒެކްޓިވް ސެކެޓްރީ އިގްބާލް އާދަމް އާއި، ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދުގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު އަބްދުﷲ (އަބްޅޯ) އަދި ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު އަލީ ޝާހެވެ.

ކޮންފަރެންސް ބާއްވަން ކުޑަތަން ވެފައިވާ އިރު، އެ ޕާޓީގެ 148 ވަނަ ކައުންސިލުން ބައްދަލުވުމުގައި ލީޑަރުގެ މަގާމް އުވާލައި ރައީސަކު އައްޔަން ކުރާ ގޮތަށް ޕާޓީގެ ގަވާއިދު އިސްލާހުކުރަން ހުށަހެޅިއެވެ. އެހެންނަމަވެސް ލީޑަރުގެ މަގާމު އުވާލާކަށް ފާހެއް ނުވިއެވެ.

އެއަށްފަހު ޖެހިގެން އައި ބައްދަލުވުމުގައި ވަނީ ޖުމްހޫރީ ޕާޓީގެ ރައީސް އަދި ނައިބު ރައީސްގެ މަގާމު އުވާލަން ނިންމަައި އެ ނިންމުން ރަސްމީކުރަން ކޮންފަރެންސްގައި ވޯޓަށް އަހަން ނިންމާފައެވެ. މި ނިންމުމާއެކު ޖޭޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމު ދެމި އޮންނާނީ ކޮންފަރެންސް އާ ހަމައަށެވެ. ހަމައެ ބައްދަލުވުމުގައި ވަނީ ލީޑަރު، ލީޑަރުގެ ގޮތުގައި ދެމި ހުރުމާއި ނައިބު ލީޑަރުންގެ އަދަދު 5 އަށް އިތުރު ކުރުމެވެ.

7 ބޭފުޅަކު މި މަގާމާށް ކުރިމަތިލައްވާފައިވާ އިރު، އޭގެތެރެއިން ޑެޕިއުޓީ ލީޑަރުންނަށް ހޮވާނީ 5 ބޭފުޅެކެވެ.