ހުޅުމާލޭގައި ގާއިމް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް މަޝަރޫއުތަކުން ދޫކުރާ ޔުނިޓްތަކުގެ އަގުތައް ކުޑަކުރުމަށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް އެޗްޑީސީން ބަދަލުތަކެއް ގެނެސްފިއެވެ.

މާލޭ ސަރަހައްދުގައި އެކި ފަންތިތަކުގެ ބޯހިޔާވަހިކަން ގާއިމު ކުރުމަށް އެޗްޑީސީގެ ފަރާތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، މެދު އަދި މަތީ ފަންތީގެ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ގިނަ ޕްރޮޖެކްޓްތަކެއް ހުޅުމާލޭގައި އަންނަނީ ހިންގަމުންނެވެ. އެގޮތުން 22 ޕްރޮޖެކްޓެއް ހުޅުމާލޭގައި ކުރިއަށް ގެންދާއިރު ޖުމްލަ 5198 ޔުނިޓް ހިމެނޭ މި ޕްރޮޖެކްޓްތައް ވެގެން ދާނީ މިގޮތަށް އިމާރާތް ކުރެވޭ ތަންތަނުގެ ތެރެއިން އާއްމުނަށް އެންމެ ކުޑަ އަގުގައި ހުޅުވާލާ ފަހަރު ކަމަށް އެޗްޑީސީން ބުނެއެވެ.

އެކަން ކަށަވަރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ފާހަގަ ކުރަމުން އެޗްޑީސީން ބުނީ، އާންމުކޮށް ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް އަމިއްލަ ފަރާތްތަކަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލުތަކެއް ވަނީ ގެނެސްފައި ކަމަށެވެ. އެގޮތުން ކޮންމެ ޕްރޮޖެކްޓަކުން ވެސް 60 ޕަސެންޓް ޔުނިޓް ވިއްކުމަށް ކަނޑައެޅޭ އެންމެ ކުޑަ އަގަށް އިމަރާތް ކުރާ ކުންފުނިން އުނި އިތުރު ނުގެނައުމަށް އަންގާފައިވާ އިރު، އިތުރު ފީއެއް ނުވަތަ އެޑް އޮންގެ ގޮތުގައި އެއްވެސް އިތުރު ފައިސާއެއް ނަގާނަމަ ޔުނިޓް ގަންނަ އާންމު ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ފޯމެއްގައި ސޮއިކުރުމަށް ވަނީ ކަނޑައަޅާފައި ކަމަށް އެޗްޑީސީން ބުނެއެވެ. އެގޮތަށް އެކަން ކުރުމުން ބައެއް ހާލަތްތަކުގައި އިތުރަށް އެޑްއޮންގެ ގޮތުގައި ނެގޭ ފައިސާ ނެގުން ހުއްޓުމަކަށް އައިސް އަތްފޯރާ ފަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހަކަމުގެ ފުރުސަތު އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެ މަޝްރޫއުތަކުގެ ތެރޭގައި އާރްސީސީއާ ހަވާލު ކޮށްގެން ހިންާ މަޝްރޫއުގެ ދަށުން ޖުމްލަ 116 ޔުނިޓް ތަރައްގީ ކުރަމުންދާ އިރު، މިހާރު އެ މަސައްކަތުގެ 50 ޕަސަންޓް ވަނީ ނިމިފައި ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ސާސް ގްލަޓްއާ ހަވާލު ކޮށްގެން ތަރައްގީ ކުރާ މިކްސް ރެޒިޑެންޝަލް ޕްރޮޖެކްޓްގެ ދަށުން 129 ޔުނިޓުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށް އެޗްޑީސީން ބުނެއެވެ. މީގެ އިތުރުން، އެސްޖޭ ކޮންސްޓްރަކްޝަން އާ ހަވާލު ކުރި 105 ޔުނިޓް، ފެޑޯއާ ހަވާލު ކުރި 53 ޔުނިޓް އަދި ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކުރި 162 ޔުނިޓް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެގޮތުން ރެއިންބޯ މެގަ ޑިވެލޮޕާސް އާ ހަވާލުކޮށްގެން ތަރައްގީ ކުރާ މަޝްރޫއުގެ 58 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާލާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެ އަކީ ހުރިހާ ފަންތިތަކެއްގެ ބޯހިޔާ ވަހިކަން ވެސް ހިމެނޭ ގޮތަށް ތަރައްގީ ކުރަމުންދާ ރަށަކަށް ހެދުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު ޕަސެންޓޭޖެއް މިހާރު ދަނީ ތާވަލާ އެއްގޮތަށް ކުރަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ކުރިން ފަށާފައި އެކި ސަބަބުތަކާއި ހެދި ލަސްވެފައިވާ 4 މަޝްރޫއުތަކުގެ މައްސަލަތައް ދެނެގަނެ، ހައްލު ހޯދައި ކޮންޓްރެކަޓަރުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކޮށްފަިއވާ ކަމަށް ވެސް ބުނެއެވެ. އެގޮތުން އެންސިސް އާ ހަވާލުކޮށްގެން ތަރައްގީ ކުރާ 94 ޔުނިޓުގެ މަސައްކަތް މަޑު ޖެހިފައި ވަނިކޮށް، ޕަރޮޖެކްޓް އަލުން ފަށާ މިހާރު އާންމުންނަށް ފުލެޓަށް ބަދަލުވުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި އެންޕީއެޗް އާ ހަވާލު ކޮށްގެން ތަރައްގީ ކުރާ 129 ޔުނިޓްގެ މަސައްކަތް ވެސް ވަނީ 98 ޕަސަންޓް ނިންމާފައެވެ.