މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާ ގުޅިގެން އެއާޕޯޓް އިމަޖެންސީ ޕްލޭނިން (އޭއީޕީ) ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.
ފެބްރުއަރީ 14، އަދި 15 މި ދެދުވަހު ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ބައިވެރިވެފައި ވަނީ 18 އެއާޕޯޓަކާއި 3 އެއާލައިނަކުން މުޅި ޖުމްލަ 51 ބައިވެރިންނެވެ. ލޯކަލް އެއާލައިން އަދި އެއިރޯޑްރޯމް އޮޕަރޭޓަރުންނަށް ހާއްސަކޮށްގެން ގެންދިޔަ މި ޕްރޮގްރާމްގައި އެއާޕޯޓްގެ އިމަޖެންސީ ޕްލޭންތައް އެކުލަވާލުމާއި، ތަންފީޒުކުރުމުގެ އިތުރުން އެއާޕޯޓްގެ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްތައް ބަށްޓަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން އެއާލައިންތަކާއި އެއާޑްރޯމް އޮޕަރޭޓަރުންނަށް މައުލޫމާތު ހިއްސާ ކޮށްފައި ވެއެވެ.
މި ވޯކްޝޮޕްގެ އެންމެ މުހިންމު އެއް މަގްސަދަކީ އެއާޕޯޓްގެ އޮޕަރޭޝަންތައް ހަރުދަނާކޮށް، ގައުމީ އަދި ބައިނަލްއަގްވާމީ ޝަރުތުތައް ފުރިހަމަވާކަން ކަށަވަރުކުރުމެވެ. މި ޕްރޮގްރާމުގެ ދަށުން ސިލްސިލާ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ ސެޝަންތައް ފެށުމަށްޓަކައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވަނީ ބައިވެރިންނާ މުހާތަބު ކުރަށްވާފައެވެ.
ތޯހާގެ ވާހަކައިގައި އެއާޕޯޓްގެ ކުއްލި ހާލަތު ބެލެހެއްޓުމުގައި ރަނގަޅު ގޮތެއް ކަށަވަރު ކުރުމަށްޓަކައި ކުއްލި ހާލަތްތަކުގެ ކުރިންނާއި ކުއްލި ހާލަތްތަކުގެ ތެރޭގައި އަދި އޭގެ ފަހުން ކޯޑިނޭޝަނާއި އެއްބާރުލުމާއި މުއާމަލާތް ކުރުމުގެ މުހިންމުކަމުގެ ވާހަކަ ފާހަގަ ކުރަށްވާފައި ވެއެވެ. މީގެ އިތުރުން، ދާދިފަހުން އެއާޕޯޓްގައި ދިމާވި ކުއްލި ހާލަތްތަކާއި އެކަމަށް ރައްދުދިނުން ވެސް ހިއްސާކޮށް، ޒަމާނީ ކުއްލި ހާލަތްތަކަށް ޚިދުމަތް ދިނުމަށްޓަކައި ހުރިހާ ގޮތަކުން ޑިޒާސްޓާ ރިސްކް ކުޑަކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައި ވެއެވެ.
އެމްއޭސީއެލް އަކީ ޒުވާނުން މި ދާއިރާއަށް ނެރެ، އަހުލުވެރި ކުރުވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޖުމްލަ 225 މީހުން ތަމްރީނު ކުރުމަށް ވަނީ ޕްރޮގްރާމެއް ފަށާފައެވެ.