އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން އޮތަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރޭ ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށާއި ޑިމޮކްރެޓިކް ޕްރޮސެސްއެއްގެ ތެރެއިން ކަންކަން ނިމިގެން ދާއިރު އެފަދަ ހިޔާލު ތަފާތުވުންތައް ހުރުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި އެކަންކަމަކީ އިންސާނީ ތޮބީއަތުކަން ފާހަގަ ކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ގަވާއިދާ އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެމްޑީޕީ ހަރުދަނާކޮށް ވަރުގަދަ ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސްކޮށް ހުންނަވާނެ ކަމަށާއި ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިންނާއި ކޯލިޝަނަކާ ނުލާވެސް ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ކޮށްދެއްވަން ކުރައްވަން ޖެހިވަޑައިގަންނަވާ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އެހެން ޕާޓީތަކާ މަޝްވަރާ ކުރުމުގެ ބާރު، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާ މެދު ގޮތެއް ނިންމަން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ބޮއިކޮޓް ކޮށްފައި ވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ހަވާލުކުރުން ހުއްޓުވުށާއި އަލުން އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރެވެ.