ބާދަގަނޑުގެ ވިޔަފާރި ކުރުމަށް ހުޅުމާލެއިން ބިން ކުއްޔަށް ދޫކުރަން އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް އެއް ފަހަރާ ކުރިޔަށް ގެންދިއުމާ ގުޅިގެން ގިނަ އަދަދެއްގެ ބާދަގަނޑު ފަދަ ތަކެތި އުފެދި އެ ތަކެތި ވިއްކާ ވިޔަފާރި ކުރާ ފަރާތްތައް އާންމުވަމުންދާ ކަމަށާއި އެ ފަރާތްތަކުން މަގާއި ދުވާރު ފަދަ ތަންތަން ނަހަމަ ގޮތުގައި ބޭނުން ކުރަމުން ގެންދާ ކަމަށެވެ.

އެ ކަންކަމަށް ހައްލެއް ގެނައުމުގެ ގޮތުން އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުން، އެ ފަދަ ވިޔަފާރި ކުރާ ފަރާތްތަކަށް ބިން ކުރު މުއްދަތަށް ދޫކުރުމަށް އެޗްޑީސީއިން ނިންމާފައި ވާއިރު ބިން ހޯދަން އެދޭ ފަރާތަކީ ވިޔަފާރި ހުއްދައާއި އެކްސްޕޯޓް ލައިސަންސް އޮތް ފަރާތެއް ކަމުގައިވާން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ އޮތް މީހަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައެވެ. މިހާރު ގިނަ އަދަދަކަށް ވަގަށް ނަގާފައިވާ ދަގަނޑާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޭބަލް ފަދަ ތަކެތި ވަގަށް ނަގައި ވިއްކަމުންދާކަން ފާހަގަކޮށް އެޗްޑީސީއިން ބުނީ އެ ބިން ދޫކުރުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ފަދަ ވިޔަފާރި ހުއްޓުވައި އުސޫލެއްގެ ތެރެއިން ބާދަގަނޑުގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.

އެޗްޑީސީއިން ބުނީ އެގޮތަށް ބަހައްޓާފައި ހުންނަ ދަގަނޑުތައް އަދި ވަޅުލާފައި ހުންނަ ކޭބަލްތައް ވަގަށް ނަގައި އޭގެ ވިޔަފާރި ކުރާ ފަރާތްތައް ދެނެގަތުމަކީ ވެސް މިގޮތަށް ބިން ދޫކުރުމުގެ އެއް ބޭނުން ކަމަށާއި މިއަދުން ފެށިގެން އާންމުންނަށް އުނދަގޫ ވާނެހެން މަގާއި ދުވާރު ބަންދު ކޮށްގެން ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ.