ސަރުކާރުގެ ބައެއް އޮފީސްތައް ހުޅުމާލެއަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހެދި ފުރަތަމަ އޮފީސް އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވިއެވެ.
އަލަށް ރާއްޖޭގައި ގާއިމް ކުރާ އެމެރިކާ އެމްބަސީ އާއި ބައެއް މިނިސްޓްރީތައް މި އިމާރާތައް ބަދަލުކޮށްފައި ވާއިރު މި އިމާރާތުގެ ފަންގިފިލާތައް ބެހިގެންވަނީ؛
- ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިން އަށް ހާއްސަ
- ދެވަނަ ފަންގިފިލާ - ޖެންޑާ މިނިސްޓްރީ
- ތިންވަނަ ފަންގިފިލާ - ޓްރާންސްޕޯޓް މިނިސްޓްރީ
- ހަތަރުވަނަ ފަންގިފިލާ - އެމެރިކާ އެމްބަސީ
- ފަސްވަނަ ފަންގިފިލާ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
- ހަވަނަ ފަންގިފިލާ - މީޓިން ރޫމާއި ސެމިނާ ރޫމް އަދި ޓެރަސް
މިއަދު ރަސްމީކޮށް މި އިމާރާތް ހުޅުވި ނަމަވެސް މި އޮފީސް އިމާރާތް މިދިޔަ މަހު 30 ގައި ވަނީ ބޭނުންކުރަން ފަށާފައެވެ.
މި އިމާރާތަށް މިހާރު ސަރުކާރުގެ ބައެއް މިނިސްޓްރީތައް ވަނީ ބަދަލުކޮށްފައެވެ.
ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް އެޅުމަށް 2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވީ ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށް އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން އުޅެންޖެހިފައި ވުމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، 2020 ގައި މާލޭގެ 138 ތަނަކަށް އަހަރަކު 77.7 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ސަރުކާރުން ހަރަދު ކޮށްފައި ވެއެވެ.
'އުމަރު ޒާހިރު އޮފީސް ބިލްޑިން'ގެ ނަމުގައި ހުޅުވި މި އިމާރާތަކީ މިދިޔަ އަހަރު އަވަހާރަވި ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ހަނދާނުގައި ނަން ދީފައިވާ އިމާރާތެކެވެ.
ޖުމްލަ 185 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ އިމާރާތުގައި ހަ ފަންގިފިލާއެއް ހުރި އިރު އެއިން ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓްގެ ޖާގަ ހުރެއެވެ. މިތަނުގެ ގްރައުންޑް ފްލޯގއި ރިސެޕްޝަން ކާރު ޕާކު ކުރެވޭނެ އިންތިޒާމް ހުރި އިރު ދެވަނަ ބުރީގައި ސައިކަލު ޕާކު ކުރެވޭނެއެވެ. ހަތަރު ފަންގިފިލާ އަކި އޮފީސްތަކަށް ހާއްސަ ފަންގިފިލައަށް ވާއިރު އެންމެ މަތި ބޭނުން ކުރާނީ ޖަލްސާ ކުރާ ބޮޑު މާލަމެއްގެ ގޮތުގައެވެ.