ރަސްމީ ދަތުރެއްގައި އިރާންގެ ރައީސް އިބްރާހިމް ރައީސީ ޗައިނާއަށް ވަޑައިގެންފިއެވެ.

އިރާންގެ ރައީސް ޗައިނާއަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުގައި އެ ގައުމުގެ އިސްވެރިންގެ ބޮޑު ވަފްދެއްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ގޮތުން އިރާންގެ މައި ބޭންކުގެ އާ ގަވަރުނަރާއި، އިރާނުގެ ނިއުކްލިއާ މަޝްވަރާތަކުގެ އިސްވެރިޔާގެ އިތުރުން ރައީސީގެ ކެބިނެޓްގެ ހަ ވަޒީރުން ހިމެނެއެވެ.

ޗައިނާއަށް ރައިސީ ކުރައްވާ ދަތުރާ ގުޅޭ ގޮތުން އިރާންގެ ޕޮލިޓިކަލް އެފެއާޒް ގެ ނައިބު މުހައްމަދު ޖަމްޝީދީ ވިދާޅުވީ މި ދަތުރުގެ މައިގަނޑު މަގުސަދަކީ، 2021 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ވެވުނު 25 އަހަރުގެ ކޯޕަރޭޝަން އެއްބަސްވުމުގެ ބައެއް ކަންތައްތައް ފައިނަލް ކުރުން ކަމަށެވެ.

އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި ދެގައުމުގެ ހަރިޖީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައި ވާއިރު މި އެއްބަސްވުންތަކާ ގުޅޭ މާ ބޮޑު ތަފްސީލެއް އަދި ދެ ގައުމުންވެސް ހާމަކޮށްފައެއް ނުވެއެވެ.

ރައީސީ ޗައިނާއަށް ކުރައްވާ މި ދަތުރަށް ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ލޯ އަމާޒުވެފައި ވާއިރު މިއީ ފާއިތުވި 20 އަހަރު ތެރޭގައި އިރާންގެ ރައީސަކު ޗައިނާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާއިން އިރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އިރާނާއި ޗައިނާގެ ވިޔަފާރީގެ ގުޅުން ވަނީ ވަރަށް ބޮޑަށް ފުޅާވެ ކުރިއަރައިގެން ގޮސްފައެވެ. މި ގޮތުން އީރާނުން އެންމެ ގިނައިން ތެޔޮ ގަންނަ ގައުމަކީ ޗައިނާއެވެ. ނިމިގެން ދިޔަ 2022 ވަނަ އަހަރު ޗައިނާ އާއި އިރާންގެ މެދުގައި 15.795 ބިލިއަން ރުފިޔާގެ ވިޔަފާރީގެ މުއާމަލާތް ހިންގާފައި ވާއިރު މިއީ 2021 ވަނަ އަހަރާއި އަޅާ ބަލާއިރު 7 ޕަސެންޓްގެ އިތުރުވުމެކެވެ.