ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާއެކު ކޮންމެ ޕާޓީއަކަށްވެސް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ކޮންފަރެންސްއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އާރިފް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާއެކު ކުރިއަށްދާން ގާސިމް ނިންމަވައިފިނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ ކަމަށާއި އެމްޑީޕީއާ އެކު ކުރިއަށްް ދާން ނިންމަވައިފިނަމަ އެ ޕާޓީއާ އެކުވެސް ކުރިއަށް ދާނެ ކަމަށެވެ.

އާރިފް ވިދާޅުވީ ގާސިމްގެ ނިންމެވުމުގެ ނަތީޖާއިން މިދިޔަ އަހަރު ފެބްރުއަރީ މަހު ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އެމްޑީޕީއަށް ވެސް ގޮނޑިއެއް ހޯއްދަވައިދެއްވާފައި ވާނެ ކަމަށާއި ދިވެހިންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ގާސިމް ކުރެއްވި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރައްވާނެ ކަމަށް އާރިފް ވިދާޅުވިއެވެ.

ޖޭޕީގެ ކޮންފަރެންސް މި މަހުގެ 23 އިން 26 އަށް ބާއްވަން ނިންމާފައިވާއިރު އެ ކޮންގްރެސްއިން އެ ޕާޓީގެ ގިނަ ނިންމުން ތަކެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

ޖޭޕީގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ގެ އިތުރުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންއެވެ. އެމްޑީޕީން ވާދަކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްގެ ބާނީ އަހުމަދު ސިޔާމް މުހައްމަދުވެސް ގެންދަވަނީ އިންތިހާބަށް ނުކުމެވަޑައިގަތުމަށް ކެމްޕެއިން ކުރައްވަމުންނެވެ.