ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށާއި އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތުން ދިރިއުޅޭ ރަށްތަކެއް ފެންނަން އެދޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ކަނޑަށް ކުރާ ގަދަރާއި ލޯބި އާލާކުރުމަށް ބ. އަތޮޅު ދޮންފަނުގައި ބޭއްވި ދެވަނަ "ޝޯ ޓު އޯޕަން ވޯޓާ ފެސްޓިވަލް" ގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ، ރަށްރަށުގެ ގޮނޑުދޮށްތަކަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ އަދި އެފަދަ އާދަތައް ދިރުވާ އާލާކުރާ ރައްޔިތެއް ދިރިނޫޅޭ ރަށްތަކެއްގެ ގޮތުގައި ފެންނަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން މުސްތަގްބަލުގައި ރަށްރަށުގެ ގޮނޑުދޮށްތަކުގައި ސަމާސާކޮށް ކުޅެ ހެދުމުގެ ތެރޭގައި، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ފަހު އެއްލާލައި ފިލްޓަރު ފަދަ ތަކެތި ތުއްތު ކުދިންނަށް ފެނުމުގެ ފުރުސަތު ކުޑަކޮށްދެވުމަކީ އެކަމުގެ އެދެވޭ ނަތީޖާއެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.

ސްވިމިން އެންޑް ވޯޓާ ރެސްކިއު ޕްރޮގްރާމްއަކީ ކަނޑުފަޅުތަކަށް ލޯބި ޖައްސާ އެ ތަންތަން ހިމާޔަތް ކުރުމުގެ އާދަ އަންނަން އޮތް ޖީލުތަކުގައި އަށަގެންނެވުމުގެ މަގްސަދުގައި ހިންގާ ޕްރޮގްރާމްއެކެވެ.

މިގޮތުން، މި ޕްރޮގްރާމްގެ ދަށުން ސްވިމިން އިންސްޓްރަކްޓަރުން ތަމްރީނުކޮށް، އިންސްޓްރަކްޓަރުން މެދުވެރިކޮށް މި ރަށްރަށުގައި ރައްކާތެރިކަމާއެކު މޫދުގައި އުޅޭނެ އުކުޅުތައް ދަސްކޮށްދީ ކަނޑަށް ފަރިތަވާން ދަސްކޮށްދޭނެއެވެ.