ހުޅުމާލޭގައި ސްމާޓް ޕާކިން ތައާރަފު ކުރުމަށް ތައްޔާރުވަމުން ދާ ކަމަށް އެޗްޑީސީއިން ބުނެފިއެވެ.

އެޗްޑީސީއިން ބުނީ ރާއްޖޭގައި މުޅިން އަލަށް ތައާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެއެވެ. މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ އެ ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި ކުރިއަށް ދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސްމާޓް ޕާކިންގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކޮށްފައި ހުންނާނެ ކަމަށާއި ޕާކުކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ، އެ ޕާކިން ޒޯންގައި ހަރުކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

އެޗްޑީސީއިން ބުނީ ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަ ގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކޮށްފައި ހުންނާނެ ކަމަށާއި ހަމަ އެކަނި ކާރު ޕާކިންއަށް ކަނޑައެޅިފައިވާ އެ ސްމާޓް ޕާކިން ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ.

ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަ ކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ކުރަމުން ދާއިރު އެޗްޑީސީ އިން ދާދިފަހުން ވަނީ ކާރާއި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަ ތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފައެވެ.