މ.ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓެއްގައި 3 ކޮޓަރި، 3 ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މި މަޝްރޫއުގެ ޖުމްލަ އަގަކީ 117.8 މިލިއަން ރުފިޔާއެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓްސް ޑިރެކްޓާ އާދަމް ރަހީމެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުން 2023 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ.