ހެލްތު މިނިސްޓްރީގެ ދަށުން ނަފްސާނީ ބަލިތަކާ ބެހޭ ޑިޕާޓްމަންޓެއް ހަދައި، ހެލްތު މިނިސްޓްރީގެ މަސައްކަތްތަކަށް ގެނައި ބަދަލު ފާސްކޮށްދިނުމަށް އެދި މަޖިލިހަށް ފޮނުވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ހެލްތު މިނިސްޓްރީގެ އިތުރުން، ޕްލޭނިން މިނިސްޓްރީގެ މަސައްކަތު ދާއިރާ އަށް ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައެވެ.

އެ ދެ މިނިސްޓްރީގެ މަސައްކަތު ދާއިރާ އަށް ބަދަލު ގެންނަވަން ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް ފޮނުއްވި ދެ ސިޓީ ވެސް ވަނީ ޖަލްސާގައި އިއްވާފައެވެ.

ޕްލޭނިން މިނިސްޓްރީގެ މަސައްކަތު ދާއިރާ އަށް ބަދަލު ގެންނަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންގެ ބައެއް މަސައްކަތްތަކަށް ބަދަލު ގެނައުމާ ގުޅިގެން ކަމަށް ރައީސްގެ ސިޓީގައި ވެއެވެ. އަދި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި އިދާރާ އެއް އުފައްދައި އެ އިދާރާ އަކީ ހެލްތު މިނިސްޓްރީގެ ބައެއް ކަމަށް ހަމަޖައްސައި، އެ ބަދަލުތައް ފާސްކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

ރިޔާސަތުން ވަނީ ރައީސް އެދިވަޑައިގެންފައިވާ ބަދަލުތައް ދިރާސާކޮށް ފާސްކުރުމަށްޓަކައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީ އަށް އެ ބަދަލުތައް ފޮނުވަން ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މީގެ ކުރިން ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ކަންތައްތައް ބޮޑުކަން ހެލްތު މިނިސްޓްރީ އަށް ފާހަގަކުރެވިފައި ވުުމުން، ނަފްސާނީ ބަލިތަކާ ބެހޭ ވަކި ޑިޕާޓްމަންޓެއް ހަދައި، ކަންތައްތައް ކުރިއަށް ގެންދާ ކަމަށެވެ.

"އެހެންވީމާ ނަފްސާނީ ބަލީގެ ވަކި ޑިޕާޓްމަންޓެއް ހަދައިގެން އެ ބައްޔަށް އަޅުގަނޑުމެންނަށް އެޅެންހުރިި ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނަން. އަދި ކިރިޔާ މީތި ބޮޑު ފޯކަސް އަކަށް އައިސްގެން މި އުޅެނީ." ނަސީމް ވިދާޅުވިއެވެ.

ނަފްސާނީ ބަލިމަޑުކަމަށް ހައްލެއް ގެންނަން ޖެހިފައިވާ ކަން ފާހަގަކުރައްވައި ނަސީމް ވިދާޅުވި ގޮތުގައި، އެ ކަމަށް ހައްލެއް ގެނެވޭނީ ހެލްތު މިނިސްޓްރީގެ އިތުރުން، ސަރުކާރާއި އާންމުން ހޭލުންތެރިކުރުވިގެންނެވެ.