ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ވަޒީފާތަކަށް ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހުޅުވާލައިފިއެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ، ވަޒީފާތައް ހުޅުވާލާފައިވަނީ އެއާޕޯޓު މެނޭޖަރާއި އޮޕަރޭޝަން އޮފިސަރުންނާއި އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި މަސައްކަތު މީހުންނާއި ސުޕަވައިޒަރުންނާއި މެއިންޓަނަންސާއި ސެކިއުރިޓީ އާއި ފަޔާފައިޓަރުންގެ މަގާމަށެވެ.

މި ވަޒީފާތަކަށް މި މަހުގެ 20 ގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

އަންނަ މަހު ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ނިންމާފައި ވާއިރު އެއާޕޯޓުގެ އިމާރާތްތަކާއި ބޮޑެތި ހުރިހާ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި މިގޮތުން ރަންވޭއާއި އެއާޕޯޓްގެ ފަޔާ ބިލްޑިންއާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއާޕޯޓްގައި މިހާރު ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއަޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަަވަރުގެ ރާޑަރާއި އަދި ރަންވޭގެ ލައިޓިން ސިސްޓަމްތައް ދިއްލާ މިހާރު ޓެސްޓުކޮށްފައިވާއިރު ޓެސްޓް ފްލައިޓް ޖެއްސުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު ފަޔާ ބިލްޑިންއެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިންއެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.