ސްޕެނިޝް ލަ ލީގާގައި ރޭ ބާސަލޯނާއާ ސެވިއްޔާ ކުޅުނު މެޗު ފަސޭހަ ކަމާއެކު ކާމިޔާބުކޮށް ލީގުގެ ތާވަލުގައި ބާސާއިން ނަގާފައިވާ އޮތް ލީޑު 8 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
ބާސާއިން ސެވިއްޔާ ބަލިކުރީ 3-0 ގެ ސްކޯލައިނަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް މާ އެދެވޭ ކުޅުމެއް ފެނިފައި ނުވާ އިރު ދެވަނަ ހާފް ފަށައިގެން މެޗުގެ 58 ވަނަ މިނެޓްގައި ބާސާއިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޖޯޑީ އަލްބާއެވެ.
އެއަށް ފަހު މެޗުގެ 71 ވަނަ މިނެޓްގައި ރަފީނިއާ ނަގާ ދިން ހުރަހަކުން ބާސާގެ ދެވަނަ ލަނޑު ޖެހީ ގާވީއެވެ. ބާސާގެ ތިން ވަނަ ލަނޑު ޖެހީ މިސީޒަންގައި އަލަށް އެޓީމާ ގުޅުނު ރަފީނިއާއެވެ.
މިމޮޅާއެކު ބާސާ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން 53 ޕޮއިންޓް ހޯދައިގެންނެވެ.
ތަވާލުގެ ކުރީގައި ބާސާއިން ނަގާފައިވާ ލީޑު ފުޅާކުރަން ފުރުސަތު ލިބުނީ އެޓީމާ އެންމެ ކައިރީގައި އޮތް ރިއާލް މެޑްރިޑް ރޭ ބަލިވުމުންނެވެ. ތާވަލުގެ 10 ވަނައިގައި އޮތް މަޔޯކާ އަތުން ރިއާލް ބަލިވީ 1-0 ގެ ހަނި ސްކޯއަކުންނެވެ. ރިއާލް ވެސް މިހާތަނަށް 20 މެޗު ކުޅުނު އިރު އެޓީމަށް ލިބިފައިވަނީ 45 ޕޮއިންޓެވެ.