މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް" އިން އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ބަތަލާ ރޯޒް ލެސްލީ ދެވަނަ ދަރިއަކަށް ބަލިވެއިންކަން ހާމަކޮށްފިއެވެ.
ބަތަލާ ރޯޒް ކައިވެނިކޮށްގެން އުޅެނީ "ގޭމް އޮފް ތްރޯންސް"ގެ ތަރި ކިޓް ހެރިންގްޓަން އާއެވެ. ޖިމީ ފެލަންގެ ޓުނައިޓް ޝޯއަށް ދިން އިންޓަވިއުއެއްގައި ކިޓް ބުނީ އޭނާ އަށް ދެވަނަ ދަރިއެއް ލިބެން އުޅޭ ކަމަށާއި ދަރިއަކު ލިބޭތީ ދެމީހުން ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ކައިވެނިކުރި ދެތަރިންނަށް އަލަތު ދަރިފުޅު ލިބުނީ މީގެ ދެއަހަރު ކުރިންނެވެ. އެފަހަރު އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.
ޝޯ ގައި ވާހަކަ ދައްކަމުން ކިޓް ބުނީ އެމީހުންގެ ދަރިފުޅު ގާތު ދަރިއަކު ލިބޭ ވާހަކަ ދަރިފުޅަށް ވިސްނޭނެ ގޮތަށް ބުނި ކަމަށާއި ދެން އޮތީ ދަރިފުޅު މެންޓަލީ އެކަމަށް ތައްޔާރުކުރުން ކަމަށެވެ. އޭނާ ބުނީ ދެ އަހަރުގެ ދަރިފުޅަށް ކޮއްކޮ އަކު ލިބޭކަން އެނގުމުން ވަރަށް އުފާވާ ކަމަށާއި އަބަދު ރޯޒް ގެ ބަނޑުގައި ފިރުމަ ފިރުމާ ދަރިފުޅު ހުންނަ ކަމަށެވެ.
ރޯޒް އާއި ކިޓް އެންމެ ފުރަތަމަ ދިމާވީ ވެސް ގޭމް އޮފް ތްރޯންސްގެ ސެޓުންނެވެ. ސެޓުން ދެމީހުން ދިމާވެ ގާތް ކަން އުފެދި ލޯބީގެ ގޮތުން ގުޅުނެވެ. ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިން އެންގޭޖްކޮށްފައި ވަނީ 2018 ވަނަ އަހަރުގައެވެ. އޭގެ ފަހުން ހަމަ އެއަހަރުގެ ޖޫން މަހު ދެތަރިން ވަނީ ކައިވެނިކޮށްފައެވެ.