ހިޔާ ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ފީޑް ފުލުހުންނާ ހިއްސާކުރުމަށް އެޗްޑީސީއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެކަމަށްޓަކައި އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަހުމަދު އާތިފްއެވެ.
އެޗްޑީސީއިން ބުނީ އެ އެއްބަސްވުމުގެ ދަށުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައި ކަމަށާއި އެ ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް އެޗްޑީސީން ފުލުހުންނާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.
އެ އެއްބަސްވުމާއެކު ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް ފުލުހުންނަށް ހިއްސާކުރާއިރު އެ އެއްބަސްވުމަކީ މިއަދުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރެވުނު އެމްއޯޔޫއެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ކުށް މަދު އަމާން ވެއްޓެއް ގާއިމުކުރުމާ އަދި ފުލުހުންގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.