ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ބޭޑް ބޯއީސް" ގެ ހަތަރު ވަނަ ބައެއް އަންނާނެކަން އިއުލާން ކޮށްފިއެވެ.

ފިލްމުގެ ހަތަރު ވަނަ ބައެއް ބެލުންތެރިންނާ ހަމައަށް އަންނާނެކަން އިއުލާން ކުރީ ފްރެންޗައިޒްގެ މައިގަނޑު ދެތަރިން ކަމަށްވާ ވިލް ސްމިތް އާއި މާޓިން ލޯރޭންސްއެވެ. ދެތަރިންގެ އިންސްޓަގްރާމް އެކައުންޓުގައި ފިލްމުގެ ހަތަރު ވަނަ ބައެއް އަންނާނެ ކަން އިއުލާން ކުރިއިރު ފިލްމުގައި މިދެތަރިން ފެނިގެން ދާނީ ޑިޓެކްޓިވް ސާޖަންޓުންގެ ރޯލުންނެވެ.

ސޮނީ ޕިކްޗާސް އިން ގެނެސްދޭ މި ފިލްމަށް ކިޔާނެ ނަން އަދި ފައިނަލްކޮށްފައި ނުވި ނަމަވެސް ފިލްމުގެ މަސައްކަތް ވަނީ ފަށާފައެވެ. "ބޭޑް ބޯއިޒް"ގެ ނަމުގައި އެންމެ ފުރަތަމަ ފިލްމެއް އާންމުންނާ ހަމައަށް އައީ 1995 ވަނަ އަހަރުގައެވެ. އޭގެ ފަހުން ފިލްމުގެ ދެވަނަ ބައި "ބޭޑް ބޯއިޒް 2" ނުކުމެފައި ވަނީ 2003 ގައިއެވެ. އަދި ތިންވަނަ ފިލްމު "ބޭޑް ބޯއިޒް ފޯ ލައިފް" ނުކުމެފައި ވަނީ 2020 ވަނަ އަހަރުގައެވެ. ފިލްމުގެ ފުރަތަމަ ދެ ބައި މައިކަލް ބޭ ޑައިރެކްޓްކުރި އިރު ތިން ވަނަ ބައި ޑައިރެކްޓް ކޮށްފައި ވަނީ އާދިލް އާއި ބިލާލެވެ. މި ފިލްމުގެ ހަތަރު ވަނަ ބައިވެސް ޑައިރެކްޓް ކުރާނީ ބިލާލް އާއި އާދިލް ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހޮލީވުޑްގެ ފިލްމު "ބޭޑް ބޯއީސް"ގެ ހަތަރު ވަނަ ބައި ގެނެސްދޭން ތައްޔާރުވަމުން އަންނައިރު ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ވަނީ މީގެ ދެއަހަރެއްހާ ދުވަސްކުރިން "ބޭޑް ބޯއީސް" ހިންދީ ބަހުން ހަދާނެ ކަމަށް ބުނެފައެވެ. އަދި ހިންދީ ފިލްމުގައި ރޯލު ކުޅޭނެ ބައެއް ތަރިން ހަމަޖައްސައިފައިވާ ކަމަށްވެސް އޭރު ރޯހިތު ވަނީ ބުނެފައެވެ.