އިދިކޮޅު ޕާޓީތަކަަށް ފާދުވިދާޅުވަމުން، ތިލަފަތަކަށް ވޯޓް ލިޔަސް ނުވަތަ ދޮނލަގަކަށް ވޯޓް ލިޔަސް ޖެހޭނީ އެއްތާކު ކަމަށާއި އެއްވެސް ބަދަލެއް އެކަމުގެ ސަބަބުން ނާންނާނެ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކެމްޕެއިން ފައްޓަވައިފިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާކަން އިއުލާން ކުރުމަށް ރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ، މަޖިލީހުގެ ސްޕާ މެޖޯރިޓީއާއެކު 2 ސިޔާސީ ޕާޓީއަށް ދިވެހި ރައްޔިތުން ވެރިކަންދީ ޓެސްޓްކޮށްފި ކަމަށާއި ރާއްޖެއަށް ގެނެވުނު ބަދަލެއް ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީ ބަދަލުކުރުމުގެ ބާރާއެކު 2 ޕާޓީއަށް ވެރިކަން ދިނުމުން ވެސް ގާނޫނު އަސާސީ ބަދަލު ކުރުމުގެ "އައިޑިއާއެއް" ވެސް ނާންނަ ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު އިތުރަށް ވިދާޅުވީ މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި 4 ޕާޓީއަކުން 5 ރައީސުން ވެރިކަން ކުރެއްވި ނަމަވެސް ރާއްޖޭއަށް ދިމާވެފައިވާ ބޮޑެތި އެއްވެސް މައްސަލައެއް ހައްލުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ޑްރަގްގެ ވިޔަފާރި އިތުރުވެފައި ވާކަމާއި ގަވައިދާ ހިލާފަށް ރާއްޖެ އައިސްފައިވާ ބިދޭސީން ގިނަކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖެ ދަނީ މިސްރާބު ގެއްލިގެން ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އޭނާ އާ އެކު "އާ މިސްރާބަކަށް" ދިއުމަށެވެ. އެހެން ނޫނީ ކުރިއަށް އޮތް 10 އަހަރު ތެރޭގައި ރާއްޖެ ބަދަލުވެގެން ދާނީ ނާކޯސް (ފެއިލްޑް) ސްޓޭޓަކަށް ކަމަށެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި އުމަރު ނަސީރު ކެމްޕެއިން ޖަލްސާގައި ސަޕޯޓަރުން ބައިވެރި ވަނީ / ފޮޓޯ: އުމަރު2023

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރައްވާނެ ކަމަށް ވިދާޅުވެ އުމަރު ގިނަ ވައުދު ތަކެއް ވެވަޑައިގެންނެވިއެވެ. އެގޮތުން ރާއްޖޭގައި ހަމަހަމަ ކަމާއެކު އިސްލާމީ ޝަރީއަތް ގާއިމު ކުރުން، ކޮރަޕްޝަން ނައްތާލުން، ގާނޫނު އަސާސީ އިސްލާހް ކުރުން، ޕޮލިޓިކަލް ޕާޓީ ސިސްޓަމް އިސްލާހު ކުރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރަށް ރޯމަސް ބޭރުކުރުން ހުއްޓާލައި މަސް ބަންދުކޮށް ފައިނަލް ޕްރަޑެކްޓެއްގެ ގޮތުގައި އެކްސްޕޯޓް ކުރުމާއި އެކުއާ ކަލްޗާ ގާއިމް ކުރުމާއި އަދި ޓެކްސް ކުޑަ ކުރުމާއި އައްޑޫ ޑީމިލިޓަރައިޒް ކުރުމުގެ އިތުރަށް އިންޑިއާ ސިފައިން ބޭރުކުރުމަށް ވައުދުވެ ވަޑައިގެންނެވިއެވެ.