ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މޯލްޑިވްސް އެއާޕޯޓްސް ކުންފުނިން ފަށައިފިއެވެ.
މި ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ހުޅުލޭ އައިލަންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ އާއި އެމްއޭސީއެލްއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ޔޫތް މިނިސްޓީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ތޯހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދާ ތަނެއް ކަމަށާއި އެއާޕޯޓަށް އަންނަ އުމްރާނީ ތަރައްގީއާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެއްވަރަށް ތަމްރީން ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ ވައުދާއި އެއްގޮތަށް މިފަދަ ޕްރޮގްރާމެއްގެ ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެމް.އޭ.ސީ.އެލްއަށް ލިބިގެންދާނެ ލުޔެއްކަން ތޯހާ ފާހަގަކުރެއްވިއެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ހުސައިން އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ހުރި ނަމަވެސް އެ ވަޒީފާތަކަށް ބޭނުންވާ ފަންނީ ގާބިލް ޒުވާނުން މަދު ކަމަށާއި އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާ ހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށެވެ.
އެމްއޭސީއެލްގައި މިއަދު ފެށިގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ތިން އަހަރު ދުވަހުގެ ތެރޭގައި ޖުމްލަ 225 މީހުން ތަމްރީނުކުރެވޭއިރު ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތްތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދެވިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ހަ މަސް ދުވަހުގެ އެ ތަމްރީނު ޕްރޮގްރާމުގައި އެމްއޭސީއެލްގެ 50 މުވައްޒަފުންނާއި އެ ޕްރޮގްރާމަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެ ކަމަށްވެސް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ. އަދި އެއީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް 3ގެ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަޔާ އެޑިއުކޭޝަންއާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާއި އެއްގޮތަށެވެ. އަދި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ އެ ޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
ތަމުރީން ތަކޭ ކިއައިގެން އަނެއްކާ ފައިސާގަނޑެއް ކާލާނެ ބުއްދިއެއް ކުރީ، މިހާރުވެސް އެއުޅެނީ ސަރުކާރު މުވައްޒަފުންނަށް މުސާރަދޭނެ ގޮތެއް ވެސް ނެތިގެން އަބަދާ އަބަދު ކޮންމެވެސް މިނިސްޓުރީއަކުން ކޮންމެވެސް ކުންފުންޏަކުން މިކަހަލަ ދެއުޅިއެއްނުވާ ހީލަތްތެރި ރޭވުމެއް ރާވައިގެން ބަލާނެ ގައުމުގެ ޚަޒާނާ ފެލާލެވޭތޯ.