ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ޓޯ ކުރަން ފަށައިފިއެވެ.

އެޗްޑީސީއިން ބުނީ ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅަނދުތައް ޕާކުކޮށްފައި ހުރުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންނަނީ ގިނަ ދަތިތަކާ ކުރިމަތިވަމުން ކަމަށެވެ.

ޑިސެންބަރު 2، 2022 ވަނަ ދުވަހު ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރެވިފައި ހުރި މިފަދަ އުޅަނދުތައް ބަލައި ސާވޭ ރިޕޯޓެއް އެކުލަވާލާފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

އެ ގޮތަށް ހުޅުމާލޭގެ ޕާކިން ޒޯނުތަކާއި މަގުތަކާއި ހުސްބިންތަކުގައި ގަވާއިދާ ހިލާފަށް ޕާކުކުރެވިފައި ހުރި އުޅަނދުތަކާއި ހަލާކުވެފައި ބޯޑު ނެތް އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް ކަމާބެހޭ މުވައްސަސާއާ ގުޅިގެން އެޗްޑީސީއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މިއަދު އެ މަސައްކަތް ފަށާފައިވާއިރު އެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މިއަދު ނަގަން ފަށާފައިވަނީ އިންޖީނު އަދި ރެޖިސްޓްރީ ބޯޑު ނެތް ގަވާއިދާ ހިލާފަށް މަގުމައްޗަށް ދޫކޮއްލާފައިވާ އުޅަނދުތަކެވެ.