ހިޔާ ސަރަހައްދުގައި ފެޝަން އެންޑް ކްލޯތިން ފިހާރައެއް ހުޅުވަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، އަންނައުނު ވިއްކާ ފިހާރައެއް ހިޔާ ފްލެޓް ސަރަހައްދުގައި ހުޅުވުމަށް ހަމަޖެހިފައި ވަނީ 12 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ކަމަށެވެ. އެއީ 543.36 އަކަފޫޓުގެ ތަނެކެވެ.

މި ކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައެވެ. އެ ބައްދަލުވުން އޮންނާނީ އޮންލައިން ކޮށް ޒޫމް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެއެވެ.

ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާއި 2:00 އާ ދެމެދުގައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ހިޔާ ފްލެޓްތަކަށް މީހުން ދިރިއުޅެން ބަދަލުވެ އެ ތަނުގައި ގިނަ ބަޔަކު މިހާރު އަންނަނީ ދިރިއުޅެމުންނެވެ. ހިޔާގައި ދިރިއުޅޭ މީހުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އެ ސަރަހައްދުގައި ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރެވޭ ގޮތަށް ފިހާރަތަކާއި ސެލޫންތަކާއި ބޭސްފިހާރަތަކާއި ކްލިނިކާއި ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަން ވެސް ވަނީ ހުޅުވާފައެވެ.