ރ. ފުއްގިިރި ކުއްޔަށް ދިން މައްސަލައިގަ ބައްލަވަމުންގެންދަވާ ގާޒީ އަލީ ނަދީމަކީ އެ މައްސަލާގެ ތަހުގީގީ އަދި ޝަރީއަތުގެ މަރުހަލާގައި މަސައްކަތް ކުރެއްވި ވަކީލަކަށް ނުވާތީ އެ މައްސަލައިން ތަނާޒުލް ނުވާން ނިންމައިފިއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާއެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު ރިޒާ "ކްރިކް ރިޒާ" މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަން ސިޔާމް (ސަންޓްރެވަލް ސިޔާމް) ގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތު ކޮށްފައެވެ.
މި މައްސަލަގައި މިމަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ކްރިކް ރިޒާގެ ވަކީލް ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ކުރީގެ ވަކީލެއްގެ ގޮތުގައި ގާޒީ ނަދީމް މަސައްކަތް ކުރައްވާފައިވުމުން އެ މައްސަލައިން ތަނާޒުލުވުމަށް އެދިފައެވެ. އަހުމަދު އަދީބަކީ މި މަމައްސަލައިގެ ހެކިވެރިއެކެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުން ކުރިން އޭނާ މަސައްކަތް ކުރައްވާފައި އޮތުމަކީ އެ މައްސަލައިން ތަނާޒުލްވާންޖެހޭ ސަބަބެއް ނޫން ކަމަށާއި އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ކަމުގައި ވިޔަސް އެއީ އަދީބުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލާގައި ގާޒީ ތަނާޒުލްވާން ޖެހޭނީ އެ މައްސަލާގެ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާއެއްގައި ވަކީލެއްގެ ހައިސިއްޔަތުން އޭނާ ބައިވެރިވި ނަމަ ކަމަށް ނަދީމް ވިދާޅުވިއެވެ. އަދި އެ މައްސަލާގައި ހިމެނޭ މީހެއްގެ ވަކީލަކަށް މަސައްކަތް ނުކުރައްވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު މެންދުރުފަހު 1 ޖަހާއިރުއެވެ. އެ ދުވަހު އޮންނާނީ ދައުލަތާއި މައްސަލާގައި ދެން ހިމެނޭ ސަން ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ހެކި ރައްކާތެރި ކުރުމުގެ އަމުރާ މެދު ގޮތެއް ނިންމުން ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ނިންމައި، މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ވަނީ އިއްވާފައި ވެއެވެ. ޔާމީން މިހާރު ހުންނެވީ އެ ހުކުމް ތަންފީޒު ކުރެއްވުމަށް ޖަލުގައެވެ.