އެމްޑީޕީ ދޫކޮށްލައި އެހެން ޕާޓީ އެއް ހެދުމުގެ ވިސްނުންފުޅެއް ނެތް ކަމަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ނާކާމިޔާބު ވެވަޑައިގަތީ 9،000 އެއްހާ ވޯޓުގެ ތަފާތަކުންނެވެ. އެކަމާ ގުޅިގެން 24 ގަޑިއިރު ވަންދެން އެއްޗެކޭ ވިދާޅުނުވެ ހުންނެވުމަށް ފަހު ބަލި ގަބޫލުކުރެއްވިކަން އިއުލާނު ކުރެއްވީ މިއަދު ހެނދުނެވެ.

ޕްރައިމަރީ އަށް ފަހު ފުރަތަމަ ފަހަރަށް ސަޕޯޓަރުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ވާހަކަފުޅު ދައްކަވަމުން، ކުރިން ރައީސްކަން ވެސް ކުރެއްވި ނަޝީދު ވަނީ އެމަނިކުފާނުގެ ވިސްނުންފުޅު ހާމަކުރައްވައިފައެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައިގެން ކުރިއަށް ދިއުމަށެވެ.

ދޮން މަނިކު ސްކައިވިއުގައި އޮތް މެންދުރު ކެއުމުގައި ބައިވެރިވި ނަޝީދުގެ ސަޕޯޓަރުން ---

"ފިކުރެއްގެ ދިރުން" އެއީ ނަޝީދު ޕްރައިމަރީގައި ވާދަކުރެއްވި އިރު ކެމްޕެއިންކުރެއްވުމަށްޓަކައި ގެންގުޅުއްވި ޝިއާރެވެ.

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީ އެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީ އެއް ވެސް ނޫން، އެއީ ގަދަ ޕާޓީ އެއް،" ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،"

އެމްޑީޕީ ދޫކުރައްވައި އެހެން ޕާޓީ އެއް ހެއްދެވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަން ހާމަކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ ގޮފިތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ޕާޓީގެ އާންމު މެންބަރުންނަށް އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސަށް ރިޔާސީ އިންތިހާބު ކާމިޔާބުވެވަޑައިނުގަނެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ވެސް "ފިކުރެއްގެ ދިރުން"ގެ ނަމުގައި ހަތަރު ގޮތްޕެއް ހަދައި، ބައިލައްކަ މެންބަރުން ގުޅުމަށް އެދިވަޑައިގެންފައެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ބޮޑަށް ބޭނުންފުޅުވެ ވަޑައިގަންނަވަނީ ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުންވާ މީހުން އެ ގޮތްޕާ ގުޅުމަށެވެ.

އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ޕްރައިމަރީގެ އޮޅުވާޅުންތައް "އެއްކިބާކޮށްފި" ނަމަ، ރައީސަށް ގިނަ ވޯޓު ގެއްލޭނެ ކަމަށެވެ. ނަމަވެސް ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބަލައިފި ނަމަ ކުޑަ ތަފާތަކުން ރައީސް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހަމަ އެއާއެކު ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ތާއީދުކުރައްވަން ފަސޭހަވާނީ ރިޔާސީ އިންތިހާބުގެ ކުރިއަށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކަށެވެ. ނަޝީދު މިހެން ވިދާޅުވިއިރު، ބަރުލަމާނީ ނިޒާމް ގެންނަން ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސް އެއްބަސްވެވަޑައިގެންފައެއް ނުވެއެވެ.