ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރި ހުޅުމާލެ ޖެނެރަލް ޕްރެކްޓިސް ކްލިނިކް ހުޅުވި ރަސްމިއްޔާތު ކުރިއަށް ދަނިކޮށް އެއްލި ފެން ކޮތަޅަކުން ޖެހި، މާބަނޑު އަންހެނަކަށް އަނިޔާވެއްޖެއެވެ.

ހިޔާގެ 15 ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގެ ތެރެއިން އެއްލި ފެން ކޮތަޅުތަކުގެ ތެރެއިން ކޮތަޅަކުން ޖެހި އަނިޔާވެފައި ވަނީ އެޗްޑީސީގައި މަސައްކަތްކުރާ މާބަނޑު މުވައްޒަފަކަށެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ، މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު އެފަދަ އަމަލުތައް ސިޔާސީ ބޭނުމަށް ބަޔަކު އިސްނަގައިގެން ކުރަމުން ގެންދިއުމަކީ ހިތާމަހުރި ކަމެއް ކަމަށާއި، އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ހަމަ އެއާއެކު ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅެއް ފަސްނުޖެހި އަޅާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހިޔާ ސަރަހައްދުގައި ގާއިމްކުރި ކްލިނިކް ނައިބު ރައީސް ހުޅުވައިދެއްވަނީ / ފޮޓޯ: ރައީސް އޮފީސް

ހިޔާގެ 15 ވަނަ ޓަވަރުގެ ތިރީ ފަންގިފިލާގައި ކްލިނިކް ހުޅުވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ވިދާޅުވި ގޮތުގައި، އެ ކްލިނިކްގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ދާނެއެވެ. އޭގެ އިތުރުން ވެސް ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ އިތުރު ހިދުމަތްތައް ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އެޗްޑީސީން ބުނީ، މިއަދު ހުޅުވި ކްލިނިކްގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ސިއްހީ ހިދުމަތް ހޯދުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.