ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ރައީސް ސޯލިހްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާން އެއްވެސް މަޖުބޫރު ކަމެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއުވާން މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިންގައި ބައިވެރިވުމަށް އެކި ރަށްރަށުގެ ސަރުކާރު ކުންފުނިތަކުގެ މުއްޒަފުންނަށް އެ ކުންފުނިތަކުގެ އިސްވެރިން އަންގާފައިވާ ކަން ފާހަގަކޮށް ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން މިއުވާން ވިދާޅުވީ އެ މުވައްޒަފުން ނުކުންނަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެން ނޫން ކަމަށާއި ކެމްޕެއިންގައި ބައިވެރިވުމަށް އަމުރު ނުކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
އެހެންނަމަވެސް ސަރުކާރަށް ތާއީދު ކުރާ ނުވަތަ ޕާޓީ ލައިންގެ މަސައްކަތް ކުރާ މީހުންނާ އޮންނަ ގުޅުމުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ކެމްޕެއިން ހަރަކާތްތަކަށް ނުކުންނަކަން މިއުވާންގެ ވާހަކަގައި ފާހަަގަ ކުރައްވާފައި ވެއެވެ.
މިއުވާން މިހެން ވިދާޅުވެފައި ވަނީ ރައީސް ސޯލިހްގެ ކެމްޕެއިން އަށް ސަރުކާރުގެ ކުންފުނިތަކުގެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަޖުބޫރުކޮށްގެން ނެރޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތުތަކެއް ކުރައްވާފައި ވަނިކޮށެވެ.