ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ ދެ އަވައްޓެރިން ކަމުގައި ވާ އިންޑިއާ އާއި ޕާކިސްތާނުން، ދެންމެ ދެންމެ ނިއުކްލިއާ ހަނގުރާމައެއް ފަށާފާނެ ހާލަތަށް ދިޔަ ކަމަށް އެމެެރިކާގެ ކުރީގެ ދިފާއީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އޭނާގެ ހަޔާތުގެ މައްޗަށް ލިޔުއްވި "އިން ނެވާ ގިވް އޭން އިންޗް: ފައިޓިން ފޯ ދަ އެމެރިކާ އައި ލަވް" ފޮތުގައި ފާހަގަ ކޮށްފައި ވާ ގޮތުން، އެ ހާލަތަށް ދެގައުމު ދިޔައީ 2019 ވަނަ އަހަރު ކަޝްމީރުގައި ގާއިމުވެ ތިބި އިންޑިއާގެ ފައުޖުތަކަށް ދިން ހަމަލާ އަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިންޑިއާއިން ދިން ހަމަލާގެ ސަބަބުންނެވެ.

އެ ކުރިމަތިލުންތަކުގައި ޕާކިސްތާނުން އިންޑިއާގެ އަސްކަރީ ދެ މަތިންދާ ބޯޓު ވައްޓާލައި ޕައިލެޓަކު ރަހީނު ކުރިއެވެ. އަދި ކަޝްމީރުގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ ތެރެއިން 40 މީހަކު މަރާލިއެވެ.

ބަދަލުގައި އިންޑިއާއިން ވަރުގަދަ ހަމަލާތަކެއް ދީ ޕާކިސްތާންގެ އިމުގެ ތެރޭގައި ގާއިމުވެ ތިބި ހަތިޔާރުއެޅި ޖައިޝޭ މުހައްމަދު (ޖޭއޯއެމް) ޖަމާއަތުގެ މަގާމުތައް ހަލާކު ކޮށްލައި ގިނަ ބަޔަކު މަރާލިއެވެ. ނަމަވެސް މަރުވީ ކިހާ މީހުންނެއް ކަމެއް ސާފު ނުވާ އިރު ޕާކިސްތާނުން އޭރު ބުނެފައި ވަނީ އެއީ އަސްލެއްނެތް ވާހަކައެެއް ކަމަށެވެ.

ޕޮމްޕެއޯ ވިދާޅުވީ، އެ ހަމަނުޖެހުންތަކުގައި އެއްގައުމު އަނެއް ގައުމަށް ނިއުކްލިއާ ހަމަލާގެ ބިރު ދެއްކި ކަމަށާއި ދެންމެ ދެންމެ ފަށާ ހިސާބަށް ދިޔަ ނަމަވެސް ސީދާ ފަށާނެކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

"ހަގީގަތަކީ އަހަންނަކަށްވެސް ނޭނގެ ސީދާ ޖަވާބެއް، ހިޔެއް ނުވޭ ދުނިޔެއަށްވެސް އެކަން މާބޮޑަށް ސާފުވެފައި އޮތް ހެނެއް، އެހެނަސް އެނގޭ ކަމަކީ އޮތީ ދެންމެ ދެންމެ ފަށާފާނެ ހާލަތެއްގައި ކަން"
ޕޮމްޕެއޯ

އޭނާ އިތުރަށް ވިދާޅުވީ، އެކަން އޭނާ އަށް އެނގިވަޑައިގެންނެވި ރޭ ހުންނެވީ އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރާ ގުޅޭ ގޮތުން ހަނޯއީގައި ކުރިއަށް ދިޔަ ސަމިޓަކަށް ވަޑައިގެން ކަމަށެވެ. ދެން އެތަނުގައި ހުންނަވާ އިންޑިއާގެ ބައިވެރިއާ [ނަން ހާމަ ނުކޮށް] އާ ވާހަކަ ދެއްކި ކަމަށާއި ޕާކިސްތާނުން ނިއުކްލިއާ ހަމަލާއަކަށް ތައްޔާރު ވާތީ އިންޑިއާ އިން އެކަމަށް ތައްޔާރުވާ ކަމަށް [އެ ބޭފުޅަކު] ވިދާޅުވި ކަމަށެވެ.

"އަހަރެން ބުނިން އެއްކަމެއް ވެސް ނުކޮށް އަހަރެމެނަށް ވަގުތުކޮޅެއް ދިނުމަށް، މައްސަލަ ހައްލުކުރަން"
ޕޮމްޕެއޯ

ދެން އެކަމުގައި އޭރުގެ ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން އާ އެކަހެރިތަނެއްގައި މަޝްވަރާ ކުރެއްވި ކަމަށާއި އެއާއެކު އޭރުގެ ޕާކިސްތާންގެ އާމީ ޗީފް ޖެނެރަލް ގަމަރު ޖާވިދް ބަޖްވާ އާ ވާހަކަ ދެއްކެވުމުން، ޕާކިސްތާނުން އެފަދަ ހަމަލާއެއް ދޭން ނޫޅޭކަން ސާފުވެވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ހަމަލާއަކަށް އިންޑިއާއިން ތައްޔާރު ވަނީ ކަމަށް ވެދާނެ ކަމަށާއި އެހެންވެ ޕާކިސްތާނުން ވެސް ހަމަލާ ދޭން އުޅޭކަމަށް އިންޑިއާއަށް ހީވީ ކަމަށް ވެސް އޭނާއާ ހަވާލާދީ ޕޮމްޕެއޯ ވިދާޅުވެފައި ވެއެވެ. ދެން އެ މައްސަލަ ހައްލު ކުރުމަށް ދެގައުމުގައި ތިބި އެމެރިކާގެ އޮފިޝަލުން މެދުވެރިކޮށް ދެގައުމުގެ ސަރުކާރާ ވާހަކަ ދައްކާ، މަދު ގަޑިއިރުތަކެއްގެ ތެރޭގައި މައްސަލަ ހައްލު ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

ޕޮމްޕެއޯގެ މިވާހަކަތަކަށް އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އިންޑިއާ އާއި ޕާކިސްތާނަކީ، އިނގިރޭސީން އިސްތިއުމާރު ކޮށްގެން ތިބުމަށް ފަހު 1947 ގައި އެ ބިމުން ފޭބިފަހުން ހަމަޖެހުމެއް ނެތި ދެބަސްވުންތަކުގެ ތެރޭގައި އޮންނަ ދެގައުމެވެ. ދެގައުމުގެ ދެމެދުގައި ބޮޑު 3 ހަނގުރާމައެއް ކޮށްފައި ވާ އިރު 2 ހަނގުރާމައެއް ކުރީ ދެގައުމުން، އެމީހުންގެ ތަނެއްގެ ގޮތުގައި ދައުވާ ކުރާ ކަޝްމީރުގެ މައްސަލައިގައެވެ.

އިނގިރޭސީން ފައިބައިގެން ދަމުން ދެގައުމު ބައިކޮށްލި އިރު ދެގައުމުގެ އިން ކުރަހާލީ ކަޝްމީރުގެ ތެރެއިންނެވެ. އެއާއެކު ބޮޑެތި ކޯރުތަކާއި ފަރުބަދަތަކާއި އެތައް ވަސީލަތްތަކެއް ހުރީ ދެގައުމަށް ލައްވާ އިމުގައެވެ. ބޮޑާ ހާކާ ހަނގުރާމަ ކުރަނީ އެއް ބަޔަކު އަނެއް ބަޔަކު މުޅި ތަން ހޯދާށެވެ.