ރަޝިއާގެ އިރުމަތީ ބިތުން ކަންޗަޓްކާ ކިޔާ ސަރަހައްދަށް ރިކްޓާ މިންގަނޑުން 8.8 ގެ ބާރުމިނުގައި އައި ބިންހެލުމާއެކު ޖަޕާނަށް ސުނާމީ އަރަން ފަށައިފިއެވެ.
ކަންޗަޓްކާ އޮންނަ ކަނޑުގެ ސަރަހައްދަކީ، ޖަޕާނާއި އެމެރިކާ ވެސް އެ ބައްރަކަށް ލައްވާ ޕެސިފިކް ރިންގް އޮފް ފަރާ ނުވަތަ ފެސިފިކް ކަނޑުން ގުޅިފައި އޮންނަ ސަރަހައްދެކެވެ.
އާންމުކޮށް ލޮޅުންތައް އަންނަ މި ސަރަހައްދަށް އައި މި ބިންހެލުމަކީ، އެމެރިކާއިން ބުނާގޮތުން ނަމަ ތާރީހުގައި އައިސްފައިވާ ނުރައްކާތެރި 10 ބިންހެލުމުގެ ތެރޭގައި ހިމެނޭ ބިންހެލުމެކެވެ.
ބިންހެލުމާއެކު ސުނާމީ އަރަން ފަށާފައި ވާއިރު ޖަޕާނުގެ ހޮކައިޑޯ އަށް 30 ސެންޓިމީޓަރު ނުވަތަ 12 އިންޗި އުސްމިނުގައި ރާޅު އަރާފައި ވާ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.
މި ބިންހެލުމާއެކު، އެމެރިކާގެ ބޮޑުބަޔަކަށް ސުނާމީގެ އިންޒާރު ނެރެފައިވާ އިރު، ޖަޕާނުގެ އިތުރުން ޗައިނާ، ފިލިޕީންސް، އިންޑޯނީޝިއާ، ގުއާމް، ޕެރޫ، އިކުއެޑޯގެ ގަލަޕެގޯސް އައިލޭންޑްސް އަށް ވެސް ވަނީ އިންޒާރު ނެރެފައެވެ.
ބިންހެލުން އައި ސަރަހައްދު ކަމުގައިވާ ކަންޗަޓްކާ ސަރަހައްދުގައި 13 ފޫޓަށް ރާޅު އުފެދިފައިވާ އިރު ލޮޅުމުގެ ސަބަބުން އެސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބައިބޯ ސަރަހައްދެއްގެ ގޮތުގައި އޮންނަ ކަންޗަޓްކާ އާއި ސުނާމީ އަރާފާނެ ކަމަށް ބެލެވޭ އެހެން ގައުމުގެތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް ދަނީ ދަތުރު ކުރަމުންނެވެ.
ރަޝިއާގެ ރަސްމީ ނޫސް އެޖެންސީ 'ޓާސް' އިން ބުނާގޮތުގައި، ބިންހެލުމާއެކު ވަރުގަދަ 3 ލޮޅުމެއްގެ އަސަރު ކޮށް ސެވެރޯ ކްރިލިސްކް ކިޔާ ސަރަހައްދެއްގެ ބަނދަރު ހަލާކުވެ މޫޓުތައް ލުހިގެން ދިޔުމުގެ އިތުރުން ބަނދަރުގައި އަޅާފައި އޮތް ބޯޓުފަހަރަށް ވެސް ވަނީ ގެއްލުން ވެފައެވެ. އަދި އެ ސަރަހައްދުގެ ބޮޑުބަޔަކަށް ސުނާމީ އަރާ ފެންބޮޑުވެފައި ވާ ކަމަށާއި އެއާއެކު އެ ސަރަހައްދުގެ އާންމުން މިހާރު ތިބީ ފަރުބަދައަކަށް އަރާ ރައްކާތެރިކަން ހޯދައިގެން ކަމަށް ވެސް ބުނެއެވެ.
ސިސްމޮލޮގިސްޓުން ބުނާ ގޮތުގައި މި ސުނާމީގެ އަސަރު ޕެސިފިކް ކަނޑުގެ ގައުމުތަކަށް ކުރި ނަމަވެސް މާބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް އެމެރިކާގެ ހަވާއީ ފަދަ ތަންތަނަށް 10 ފޫޓު އުސްމިނުގައި ރަޅު އަރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއީ ނުރައްކާ ނިސްބަތުން ގަދަ 10 އެއްގައި ހިމެނޭ ބިންހެލުމެއް ނަމަވެސް، 2011 ގައި ޖަޕާނަށް އެރި ސުނާމީގައި ލިބުނު ފަދަ ބޮޑެތި ގެއްލުންތައް އެގައުމަށް ވެސް ނުލިބޭނެ ކަމަށް ސިސްމޮލޮޖިސްޓުން ބުނެއެވެ. 2011 ގައި ޖަޕާނަށް އެރި ސުނާމީގައި ރާޅުގެ އުސްމިން 42 ފޫޓަށް ހުއްޓެވެ. މި ސުނާމީގައި ޖަޕާނަށް ރާޅު އަރާނެ ކަމަށް ބެލެވޭ އެންމެ އުސް މިނަކީ 10 ފޫޓެވެ.