ޕޮލިސް ބޯޑުގެ ލަފާގެ މަތިން ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަޒީފާ އިން ވަކިކުރަން ނިންމީ ގޯސް ކަމަށް ނިންމި ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފިއެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅާފައި ވަނީ އިއްޔެއެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 7 އޮފިސަރަކު ވަކި ކުރަން ނިންމީ މިދިޔަ އަހަރުގެ އޮގަސްމަހުގެ ތެރޭގައެވެ. އެ އޮފިސަރުންނަށް ފިޔަވަޅު އަޅަން ޕޮލިސް ބޯޑުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓަށް ވަނީ އޭގެތެރެއިން 5 އޮފިސަރެއްގެ ފަރާތުން މައްސަލަ ހުށަހަޅާފައެވެ.

އެ ފަސް އޮފިސަރުންނަކީ އެސިސްޓެންޓް ކޮމިޝަނާ އަހްމަދު މުހައްމަދާއި، އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ޖަމްޝީދު އާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވާ އިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާ ކަން އެނގެން ނެތް ކަމަށެވެ.

ޕޮލިސް ބޯޑުގެ ނިންމުމެއް ކަމަށް ބުނެ ދައުލަތުން ކޯޓަށް ހުށަހެޅި ދެ ރިޕޯޓަކީ ވެސް އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ކަމެއް ނިންމާފައިވާ ރިޕޯޓެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައި ވެއެވެ. އަދި އެ ރިޕޯޓުތަކަކީ އެ އޮފިސަރުން ވަކިކުރަން ބޯޑުން ނިންމި ނިންމުމެއް ނޫން ކަމަށް ވެސް ހުކުމުގައި ވެއެވެ.

ފުލުހުންގެ ގާނޫނަށް އަމަލުކުރަން ފަށާ އިރު، ސުޕްރިޓެންޑެންޓް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ތުހުމަތު ކުރެވޭ ކަންކަމާއި އެ މީހުންގެ ތައުލީމީ ފެންވަރަށް ބަލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައި އޮތަސް، އެއީ އެފަދަ އޮފިސަރުން ވަކިކުރުމުގެ ބާރު ލިބިދޭ މާއްދާއެއް ނޫން ކަމަށް ސިވިލް ކޯޓުން ބުނެފައި ވެއެވެ. އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ކަމަށް ބުނެ އެ ފަސް އޮފިސަރުން ވަކިކުރަން ނިންމާފައި ވަނީ ފުލުހުންގެ ގާނޫނާ ހިލާފަށް ކަމަށް ހުކުމުގައި ވެއެވެ.

އެހެންކަމުން އެ މީހުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކުރީ ކަމަށް ގާޒީ އަލީ އަބްދުﷲ ކުރެއްވި ހުކުމުގައި ބުނެފައި ވެއެވެ.