ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އަދި ފުލުހުންގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، ސުވާލުކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅޭ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.

މެންބަރު މުހައްމަދު އިބްރާހީމް، މަޖިލީހަށް ފޮނުއްވި ސިޓީގައިވަނީ ވޭތުވެދިޔަ ހަ މަސް ދުވަހު އެކަނިވެސް މާލޭ ސަރަހައްދުގައި ހާހަކަށް ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ނޭޅި، އެ މީހުން މުޖްތަމައުގެ ތެރެއަށް ދޫވަމުންދާ ކަމުގެ ކަންބޮޑުވުން އަބަދުވެސް އޮންނަ ކަމަށް މެންބަރު ފާހަގަކުރެއްވިއެވެ. އަދި މަރުވާ މީހުންގެ އަދަދު އިތުރުވުމާއެކު ނުކުޅެދުންތެރިކަމާ ކުރިމަތިލާންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް އެ ސިޓީގައިވެއެވެ.

އެކްސިޑެންޓްތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ހުރި ގޮންޖެހުންތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުންގެ އިސްވެރިން މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކޮށް، ސުވާލު ކުރުމަށް މުހައްމަދު އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލް ވެސް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރަން އޭނާ ހުށަހަޅުއްވާފައިވެއެވެ.

ރާއްޖޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައވާއިރު މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް 1،000 އަށްވުރެ ގިނަ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރުމާލޭ ސިޓީއާއި ސިނަމާލެ ބުރިޖާއި ހައިވޭގައި 1101 އެކްސިޑެންޓު ހިނގައިފައިވެއެވެ. އޭގެ ތެރެއިން 61 އެކްސިޑެންޓުގައި މީހުންނަށް ސީރިއަސް އަނިޔާތައް ވަނީ ލިބިފައެވެ.

އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވަމުންދާކަން ފާހަގަކޮށް ފުލުހުން ވަނީ އެފަދަ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެންމެން ވެސް ޓްރެފިކް ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، މަގުތައް ރައްކާތެރިކުރުމަށް އެކުގައި މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.