ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި ރާއްޖެ އަށް ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލާގައި ދައުވާ ކުރަން ނިންމީ ތިން މީހެއްގެ މައްޗަށް ކަމަށާއި ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު' ގައި ވަގަށް ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ފޮށިތަކެއްގެ މައްސަލަ ފަޅާއެރީ މިދިދޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މި މައްސަލައާ ގުޅިގެން މިއަދު ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވަ ކަމަށާއި ނަމަވެސް އެ ކުންފުންޏާއި އިތުރު މީހަކަށް ދައުވާ ނުކުރެވި އޮތީ މި މައްސަލައިގައި ކަސްޓަމްސް އިން ކުރި ތަހުގީގުގައި ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހެކި ލިބިފައި ނުވާތީ ކަމަށެވެ.
ކަސްޓަމްސް އިން ކުރި ތަހުގީގަށް ރިއާޔަތްކޮށް، ދައުވާ ކުރަން ޕީޖީ އޮފީހުން ނިންމީ އާދަމް ރަމީޒާއި މުހައްމަދު ނަސީރު އަދި މުހައްމަދު ދީދީ ކިޔާ މީހެއްގެ މައްޗަށެވެ. އެ ތިން މީހުންގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މޭ މަހުގެ 8 ގައި ކަމަށް ޕީޖީޏް ބުނެއެވެ. އެ މީހުންގެ މައްޗަށް ކުރަނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) އާއި (ބ) ގެ ދަށުން ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި ދައުވާ ނުކުރަން ނިންމީ ހޯކްސްގެ އިތުރުން އިސްމާއިލް އާދަމް ކިޔާ މީހެއްގެ މައްޗަށެވެ. އެ ދެ ފަރާތުގެ މައްސަލައިގެ ބައި ވަނީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ކަސްޓަމްސް އަށް އަނބުރާ ފޮނުވާލާފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. ދައުވާ ކުރުމުގެ މުއްދަތު އަދި ހަމަނުވާ ކަމަށާއި ހޯކްސް ކުންފުނީގެ މައްޗަށް އިތުރު ހެކި ލިބިއްޖެ ނަމަ ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.
މިހާރު ދައުވާ ކޮށްފައި ވަނީ ކަސްޓަމްސް އިން ތަހުގީގުކޮށް ހުށަހެޅި މައްސަލައެއްގައި ކަމަށާއި އެ މައްސަލައާ ގުޅުން ހުރި އިތުރު ޖިނާއީ ތަހުގީގެއް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ޕީޖީން ބުނެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ކަސްޓަމްސް އަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ އެއާ ޖެހިގެން އައި ދުވަހު ހޯކްސް ކުންފުނީގެ ބޯޓެއް ކަމަށްވާ 'އެމްޓީ ހޯކްސް ޖަވާހިރު' އާއި، ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓުޔާޑު ބަލައި ފާސްކޮށްފައެވެ. ގާތްގަނޑަކަށް 1.7 މިލިއަން ސިނގިރޭޓު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ހިދުމަތުން އޭރު ބުނެފައި ވެއެވެ.
ޕީޖީ އޮފީހުގެ ޓައިމްލައިނުން ދައްކާ ގޮތުން ނަމަ ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ކަސްޓަމްސް އިން ކުރި ތަހުގީގު ނިމި އެ އޮފީހަށް މައްސަލަ ބަލައިގަންނަން ނިންމީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގައެވެ. ތަހުގީގުގައި ތުހުމަތުތައް ކޮށްފައި ވަނީ 17 މީހަކާއި ހޯކްސް ކުންފުނީގެ މައްޗަށެވެ.