އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ތަމްސީލް ކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ދެ ކެންޑިޑޭޓުން ކަމަށްވާ ރައީސްލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ވަރަށް ވާދަވެރިއެވެ. ކެމްޕެއިންގައި ދެފަރާތުން ވެސް ފާޑުކިޔުންތަކާއެކު ބަހުގެ ހަމަލާތައް ދެމުން ގެންދަވާ އިރު ޕްރައިމަރީގެ ނަތީޖާގެ ސަބަބުން ރާއްޖޭގެ ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އައިސްދާނެ ކަމީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެ ދެބޭފުޅުންނަކީ ޒަމާންވީ ގާތް އެކުވެރިކަމެއް އޮތް ދެ ބޭފުޅުން ކަމުގައި ވީ އިރު، އެ ދެބޭފުޅުންނަކީ އާއިލީ ގުޅުން ވެސް އޮތް ދެ ބޭފުޅުންނެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަކީ 2008 ވަނަ އަހަރަށް ފަހު އެޕާޓީން ބާއްވާ އެންމެ ވާދަވެރި ރިޔާސީ ޕްރައިމަރީއެވެ.

2013 ވަނަ އަހަރު އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޓިކެޓް ދީފައި ވަނީ ރައީސް ނަޝީދަށެވެ. އަދި 2018 ވަނަ އަހަރު ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. ނަމަވެސް ނަޝީދު އޭރު ހުންނެވީ ޖަލު ހުކުމެއްގައި ކަމުން ޕްރައިމަރީއަށް ފަހު ވެސް ނަޝީދު ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝަރުތު ހަމައެއް ނުވިއެވެ. އެހެންކަމުން 2018 ވަނަ އަހަރު އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ސޯލިހް ނިކުންނެވީ ޕްރައިމަރީއެއްގައި ވާދަ ކުރައްވަން ޖެހިވަޑައިނުގެން އެ ޕާޓީގެ ގައުމީ މަޖިލީހުން ކެންޑިޑޭޓަކީ ރައީސް ސޯލިހް ކަމަށް ނިންމުމުންނެވެ. އަދި ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ނަޝީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ލިބިވަޑައިގަތުމުން އެ ދެ ބޭފުޅުންގެ އެކުވެރިކަމަށް ބަދަލެއް އައިސްދާނެ ކަމާ މެދު އުފެދެމުން ދިޔަ ސުވާލުތަކަށް ދެ ބޭފުޅުން ވެސް އިންކާރު ކުރައްވައި ރަހްމަތްތެރިކަމަށް ބުރުލެއް ނާރާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާމިޔާބީ ފާހަގަ ކުރި ހަފްލާފައި ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފަލުން ބައްދާލައްވަނީ

ސޯލިހާއި ނަޝީދު: މިތުރުން ހަތުރުންނަށް!

ޕްރައިމަރީގެ ވާހަކަތައް އައުމުގެ މާ ކުރިން ވެސް އެމްޑީޕީ އެތެރޭގައި ދެ ފެކްޝަނަށް ބެހިފައިވާ ކަމުގެ އަޑުތައް ދިޔައީ ފެތުރެމުންނެވެ. އަބަދުވެސް "ބެސްޓީސް" އަދި އާއިލީ ރަހުމަތްތެރިއެއްގެ ގޮތުގައި ވެރިކަން ކުރާ މައި ޕާޓީގައި ތިއްބެވި ދެ ލީޑަރުންގެ ދެމެދަށް ބޮޑު ހިޔަންޏެއް އެޅިގެން ދިޔަ ހިސާބަކީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާ ހިސާބުންނެވެ.

އެ ހާދިސާއަށް ފަހު ސަރުކާރުން އެ މައްސަލަ ބަލައި އިންސާފު ހޯދައި ދޭނެކަމާ މެދު ރައީސް ނަޝީދު ވަނީ އެތައް ސުވާލެއް އުފައްދަވާފައެވެ. އެހެންކަމުން އެ ހަމަލާއެކު އައި ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން ޒަމާންވީ އެކުވެރިކަމުގެ ގުޅުމަށް ވަނީ އަސަރު ކޮށްފައެވެ. އެއް ބައެއްގެ ގޮތުގައި ދެކެމުން ދިޔަ މައި ޕާޓީ ދެބައި ވެއްޖެ ފަދަ ރާގަކުން ވާހަކަތައް ވެސް ދެކެވެން ފެށީ އެ ހާދިސާއަށް ފަހުއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިރޭ ދިން ޓެރަރިސްޓް ހަމަލާ ފުލުހުން ތަހުގީގު ކުރަނީ / ފޮޓޯ: ޕޮލިސް

އެހިސާބުން ރައީސް ނަޝީދާ އެއްކޮޅަށް ބައެއް އެމްޑީޕީ މެންބަރު ނިކުތް އިރު، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވައި ބަރުލަމާނީ ނިޒާމަކަށް ކެމްޕެއިން ކުރައްވަން ފެއްޓެވިއެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތީ ރިޔާސީ ނިޒާމަށް ބަދަލެއް ގެނައުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރައިމަރީއަށް ކުރަމުންދާ ކެމްޕެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދާ އިރު، އެމްޑީޕީ މެންބަރުންގެ ތެރެއިން ސީޔާސީ ވަރުގަދަ ބޭފުޅުންތައް ވަނީ ދެ ފަޅިއަށް ބެހިފައެވެ. ކެމްޕެއިން ހަރަަކާތްތަކާއި ޖަލްސާތައް ފޯރީގައި ބާއްވަމުން ދެ ފަރާތުން ބަހުގެ ހަމަލާތައް ދެމުން އަންނަ އިރު، ކެމްޕެއިން ދަތުރުތަކަށް ވެސް ފާޑުކިޔުންތައް އަމާޒު ކުރަމުން ދާ ތަން ފެނެއެވެ. ތާއީދު ނެތް ކަމަށާއި ޕްރައިމަރީގައި ބަލި ގަބޫލު ކުރަން ތައްޔާރު ވުމަށް ވެސް ދެ ފަރާތުން އަންނަނީ ފާޅުގައި ގޮވާލަމުންނެވެ.

ރައީސް ސޯލިހް ގދ ތިނަދޫގައި ވާހަކަފުޅު ދައްކަވަނީ / ފޮޓޯ : ކެމްޕެއިން ޓީމް

އެގޮތުން ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާ ތަކުގައި ވަނީ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފެބްރުއަރީ 7 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވި ކަން ފާހަގަކޮށް އަލުން އިންތިހާބު ކުރިއަސް ވެރިން ދޫކޮށްލައްވައި ނުފިއްލަވާނެ ކަމާމެދު ސުވާލު އުފައްދާފައި ވެއެވެ. މާޒީގައި ވެފައިވާ ކަންތައްތަކުން އިބްރަތް ލިބިގަނެ މި ވެރިކަމުގައި ދެމިހުރެ އިގްތިސޯދީ ގޮތުން ދަތި ދުވަސްތަކެއްގައި ވެސް ގިނަ ވައުދުތަކެއް ފުއްދައި ދިނުމުގައި ދެމިހުންނެވި ރައީސް ސޯލިހަށް ވޯޓު ދިނުމަށް ގޮވާލާފައި ވެއެވެ.

"ރައީސް ސޯލިހު ވެރިކަމަށް ގެންނަން ބުނީ އަޅުގަނޑުކަން، ރައީސް ސޯލިހު ވެރިކަމުން ބާލަން ވެސް ހަމަ އުޅޭނީ އަޅުގަނޑު، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،"
ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ޕްރައިމަރީގައި ރައީސް ސޯލިހާ ދެކޮޅަށް ވާދަކުރައްވާ ނަޝީދު ވަނީ ބ. ހިތާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ސޯލިހު ވެރިކަމަށް ނެރުނީ އޭރު ހުރިހާ ސިޔާސީ ލީޑަރުން ބަންދުގައި ތިބުމުން ކަމަށާއި އެހެންކަމުން ހުރިހާ އެންމެން އެކުގައި ރައީސް ސޯލިހު ނެރުމަށް ނިންމީ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން ރައީސް ސޯލިހު ނެރުނީ 18 މަސް ދުވަސް ވެރިކަން ކުރައްވާ ގޮތަށް ކަމަށާއި އެމްޑީޕީ މެނިފެސްޓޯގައި ވެސް އެ ވާހަކަ ލިޔެފައި އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރީ ދެ ވަނަ ދައުރެއް ފުރިހަމަ ކުރެއްވުމަށް ފަހު، ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ތިން ވަނަ ދައުރެއް ހޯއްދެވުމަށް ކަމަށާއި، އެހެން ނަމަވެސް ރައީސް ސޯލިހު ކުރިމަތިލައްވައިގެން އެމްޑީޕީއަށް މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ގެންނަން އެދުނީ ވެސް އަދި ވެރިކަމުން ބާލަން އުޅޭނީ ވެސް ނަޝީދު ކަމަށް އެމަނިކުފާނި ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ކެމްޕެއިން ޓީމު

ޕީޕީއެމް ދެބައިވި ގޮތަށް އެމްޑީޕީ ދެބައި ވެދާނެބާ؟

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސް ވަރަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. އެގޮތުން ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކަމަކީ ޕީޕީއެމް ދެބައިވެގެން ދިޔަ ގޮތެވެ. މި މައްސަލަ ފެށިގެން ދިޔައީ ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެވެ. އެގޮތުން ޕްރައިމަރީއަކާ ނުލައި 2018 ގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދިނުމަށް ކައުންސިލް ބައެއް މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރި މައްސަލަ ބޮޑުވި އިރު ރައީސް މައުމޫން އެގޮތް ބޭނުންފުޅު ނުވެ ދެކޮޅު ހެއްދެވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައޔޫމް (ވ) ސަލާމް ކުރައްވަނީ / ފައިލް ފޮޓޯ

ޕާޓީ ހިސޯރު ކުރައްވަން ރައީސް މައުމޫން އުޅުއްވާ ކަމަށް ބުނެ ސިވިލް ކޯޓަށް ވެއްދި މައްސަލަ ނިމިގެން ދިޔައީ ޕާޓީގެ ހިންގުމަށް ރައީސް މައުމޫން ހުރަސްއަޅާފައިވާ ކަމަށް ކަނޑައަޅައި، އެ ޕާޓީގެ ހިންގުން ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ހުކުމް ކޮށްގެންނެވެ. އެ ޕާޓީގެ އާންމު މެންބަރަކު އެ ހުކުމް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއިދު ކޮށްފައެވެ. އަދި ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދު ކޮށްފައެވެ.

އޭގެ ފަހުން ރައީސް މައުމޫން ވަނީ ޕީޕީއެމުން ވަކިވެވަޑައިގެން އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އެ ޕާޓީ އުފެއްދެވި އިރު ރައީސް މައުމޫންގެ ހަތަރު ދަރިކަލުންގެ ތެރެއިން ޣައްސާން މައުމޫން ހުންނެވީ ޕީޕީއެމްއާއެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައެވެ. ރައީސް މައުމޫނާ އެކު ދަރިކަލުން ފާރިސް މައުމޫނާއި ޔުމްނާ މައުމޫން އެމްއާރްއެމާ ގުޅިވަޑައިގެންފައިވާ އިރު ދުންޔާ ވަނީ ކާނަލް ނާޒިމް އުފެއްދެވި އެމްއެންޕީއާ ގުޅިވަޑައިގެންފައެވެ.

މިިހާރު އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުމާއި ޕާޓީ ދެބައިވެގެން ދާ މަންޒަރަށް ބަލާ އިރު، މީގެ ކުރިން ޕީޕީއެމް ދެބައި ވި ދުވަސްތައް ބައެއް ފަރާތްތަކަށް ހަނދާން ވާނެ ކަން ޔަގީނެވެ. އެހެން ކަމުން ކުރިއަށް އޮތް ޕްރައިމަރީ އަކީ އެމްޑީޕީގެ އަސްލު ލީޑަރު ދެނެގަނެވޭނެ އިންތިހާބެއް ކަމަށް ބެލެވެއެވެ. ދެ ބޭފުޅުން ވެސް ވެރިކަން ބޭނުންފުޅުވެވަޑައިގެން އުޅުއްވާ އިރު، އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅަކަށް އެމްޑީޕީ ހަވާލުކޮށް، އިންތިހާބުން ފެއިލްވާ ކެންޑިޑޭޓްގެ މިސްރާބަކީ އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިކުމެވަޑައިގަތުން ކަމުގައި ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީށް، ރައީސް މުހައްމަދު ނަޝީދު / ފޮޓޯ: އެމްޑީޕީ

އެމްޑީޕީ ދެބައިވެ އާ ސިޔާސީ ޕާޓީއެއް އުފެދިއްޖެ ނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވެގެން ދިއުމާ އެކު އެމްޑީޕީއަށް ވެސް އެ ކަމުގެ ސަބަބުން ހުރަސްތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމާމެދު ސުވާލެއް ނެތެވެ. 2018 ގެ އިންތިހާބުގައި ޕީޕީއެމް ފެއިލް ވެގެން ދިޔައީ އެ ޕާޓީގެ އެތެރޭގައި އުފެދިގެން ދިޔަ ހިޔާލު ތަފާތުވުމާއެކު ދެބައިވުމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިރު، އެމްޑީޕީއަށް އެފަދަ ބޮނޑިއެއް ނުލިބި ދިޔުމަކީ ސުވާލު އުފެދޭ ކަމެކެވެ.