ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރުމަށް ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން އަބްދުﷲ ޖާބިރު އަދި އޭނާގެ ދަރިފުޅު އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ވެސް ޓިކެޓު ކަށަވަރު ކުރައްވައިފިއެވެ.

މިއަދު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވީ ކާށިދޫ ދާއިރާއަށެވެ. އަދި އޭނާގެ ދަރިފުޅު މުއާޒު ވާދަކުރެއްވީ އދ. މަހިބަދޫ ދާއިރާއަށެވެ.

އަބްދުﷲ ރިފްއަތާއި ވާދަކުރައްވައިގެން ދެވަނަ ފަހަރަށް ދާއިރާ ތަމްސީލު ކުރެއްވުމަށް ޖާބިރު ނުކުންނެވީ 252 ވޯޓު ހޯއްދަވައިގެންނެވެ. ރިއްފަތަށް ލިބުނީ 150 ވޯޓެވެ.

ޖާބިރުގެ ދަރިފުޅު މުއާޒް އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރެއްވީ 234 ވޯޓުންނެވެ. އޭނާއާ އެކު ދެން ވާދަކުރެއްވި އަބްދުލް ޖަލީލް އިބްރާހީމަށް ލިބުނީ 132 ވޯޓެވެ. ދެން ވާދަކުރެއްވި ބުންޔާމީން ހަސަނަށް 96 ވޯޓު ލިބުނުއިރު ހައްވާ ރަޝީދާ އަށް ލިބިފައިވަނީ 14 ވޯޓެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 25،325 މީހުންނަށް ލިބިފައިވާއިރު އެމްޑީޕީ ޕްރައިމަރީގައި 40 ދާއިރާއަކުން ޖުމުލަ 148 ކެންޑިޑޭޓުންވަނީ ވާދަކޮށްފައެވެ. އެމްޑީޕީ އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިންތިހާބުގައި ޖުމްލަ 15829 މީހުން ވަނީ ވޯޓުލާފައެެވެ. އެއީ 15653 ސައްހަ ވޯޓާއި 176 ބާތިލު ވޯޓެވެ.

އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށް ދިޔަ އިރު 95 ރަށެއްގައި ވޯޓު ފޮށި އަދި މާލޭގައި 27 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.