ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާ މާދަމާރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

'މިސްރާބު ހަމަމަގަށް' ނަމުގައި ކެމްޕައިން ލޯންޗް ކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ ހޯމަ ދުވަހުގެ ރޭ 8:30 ގައި މާލެ އާޓިފިޝަލް ބީޗްގައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީއިން ވަނީ 89 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. އެ ޕާޓީން ފުވައްމުލަކު އުތުރު ދާއިރާ، ތ. ގުރައިދޫ ދާއިރާ، ފެލިދޫ ދާއިރާ އަދި ނިލަންދޫ ދާއިރާއަށް ވާދަނުކުރަން ނިންމާފައިވާއިރު އެ ދާއިރާތަކަށް ވާދަނުކުރާ ސަބަބު އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އަންނަ މަހު ބޭއްވުމަށް ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 381 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު ގާނޫނުގައި މިހާރު ބަޔާންކޮށްފައި ވާގޮތުން 5000 މީހުން ހަމަވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަން ޖެހެއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް އެ އިސްލާހު އަދި ރައީސް ތަސްދީގުކުރައްވާފައެއް ނުވެއެވެ.