އަލަށް އައި ހެއްކާބެހޭ ގާނޫނާއެކު ޝަރީއަތް ކުރުމުގެ ނިޒާމް ފުރިހަމަވެ، ޝަރުއީ މަރުހަލާގައި މައްސަލަތައް އަވަހަށް ކުރިއަށް ގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޝަރުއީ ދާއިރާއަށް އަންނާނޭ އެންމެ ބޮޑު ބަދަލަކީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު އެންމެ ފުރިހަމަގޮތުގައި ލިބިގެން ދިއުން ކަމަށެވެ.
މިވަގުތަކީ ރާއްޖޭގެ ޝަރުއީ ނިޒާމު މިފަދަ ގާނޫނަކަށް ވަރަށް ބޭނުންވެފައި އޮތް ވަގުތެއްކަން ފާހަގަކުރައްވާ ޝަމީމު ވިދާޅުވީ، ޝަރުއީ މަރުހަލާގައި މިހާރު ދިމާވާ ވަރަށް ގިނަ މައްސަލަތަކަށް މި ގާނޫނުން ހައްލު ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ ގާނޫނެއްގެ ސަބަބުން ޝަރުއީ ނިޒާމަށް އޮންނަ ޔަގީންކަމާއި އިތުބާރު އިތުރުވެގެންދާނެ ކަމަށާއި މި ގާނޫނާއެކު ހެކިބަސް ދިނުން ލާޒިމު ކުރެވޭ ބައިތަކާއެކު ޕީޖީ މަސައްކަތްތަކަށް ވެސް ބަދަލުތަކެއް އަންނާނެކަމަށް ޝަމީމު ވިދާޅުވިއެވެ.
އެގޮތުން މީހަކު ހެކިބަސްދޭން އަންނަން މަޖުބޫރު ކުރެވޭނެ ހާލަތްތަކާއި، ތަފާތު އެކި ސަބަބުތަކާހެދި ހެކިބަސް ދޭން ޖެހިލުންވާ މީހުން، އެ ޖެހިލުންވާ ސަބަބު ކޯޓަށް ސާބިތު ކޮށްދެވޭނަމަ، އެ ބަޔާންތަކަށް ބާރު ދިނުމުގެ ނުވަތަ ބުރަދަން ދިނުމުގެ ބާރު ކޯޓުތަކަށް ގާނޫނުގައި އެބައޮތް ކަމަށް ޝަމީމު ވިދާޅުވިއެވެ. އަދި އިލެކްޓްރޯނިކް އެވިޑެންސް ހޯދާނެގޮތާއި، ހުށަހަޅާނެގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައި ވާކަން ޝަމީމް ވިދާޅުވިއެވެ.
ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ 18ގައެވެ. ހެއްކާބެހޭ ގާނޫނަކީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
އަދި އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައި ވާ އިންސާފުން ޝަރީއަތް ކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް، ކަނޑައަޅައިދިނުން ހިމެނެއެވެ.