އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވިފައިވާ ކަމަށާއި މިހާރު ވިސްނުންފުޅު ހުރީ ރިޔާސީ އިންތިހާބަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލޭގައި ރޭ ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ތާއީދު ނުކުރާ ފަރާތްތަކުން ވެސް އެ ޕާޓީގެ ސިޔާސަތުތައް ބަލައިގަންނަ ކަމަށާއި އެމްޑީޕީ އެކަނި ނިކުމެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ހީވާންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ޕްރައިމަރީ ކާމިޔާބު ކުރެއްވިފައިވާ ކަމަށާއި އެންމެ ބޮޑަށް ވިސްނަވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ގޮތާ ދޭތެރޭ ކަމަށެވެ. އަދި އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނީ ކާމިޔާބު ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޕްރައިމަރީ އަޅުގަނޑު ދެކެނީ އަޅުގަނޑުމެންނަށް މިއޮތީ ކާމިޔާބު ކުރެވިފައި. އަޅުގަނޑު މިހާރު ވިސްނަނީ ސެޕްޓެމްބަރު 9 އަކަށް މަސައްކަތް ކުރާނެ ގޮތް. އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނީއްޔާ ކުރިއަށް މިއޮތް ހަފްތާތަކުގައި ވެސް މަސައްކަތްކޮށްގެން ނުވާނެ.
ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ މިސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމުގައި ވިޔަސް މިސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯ އާ އެއްގޮތަށް ކަންތައްތައް ކުރަމުން ނުގެންދާ ކަމަށެވެ.

އަދި ޕާޓީގެ ސިޔާސަތާ ހިލާފަށް އިއްތިހާދުގެ ސިޔާސަތަށް މިސަރުކާރުން އަމަލުކުރަމުންދާތީ އެކަމާ ޕާޓީގެ ގިނަ މެންބަރުން ނުރުހުން ފާޅުކުރާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.

ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ބަހައްޓަން ވަނީ ނިންމައިފައެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގައެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގައެވެ.