ރައްޔިތުން ސަލާމަތް އަބަދުވެސް ހޯދައި ދިނުމަށާއި ގައުމުގެ ދަރަނި ދައްކައި އާންމު ހާލަތު ރަނގަޅު ކޮށް ރައްޔިތުންގެ ސަލާމަތް ހޯދައިދޭނީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، މިރޭ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ސަލްޓަން ޕާކްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަރުކާރަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރު 1.2 ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހޭ އަހަރެއް ކަމަށް ވާ އިރު އެ ދަރަނި ދެއްކޭނެ މިންވަރަށް ފައިސާ ނެތް ކަމަށެވެ.
އެންމެ ފަހުން ބަލާލި އިރު ދައުލަތުގެ ގްރޮސް ރިޒާވްގައި 813 މިލިއަން ޑޮލަރުގައި ކަމަށް ނަޝިށު ވިދާޅުވިއެވެ، އެ ފައިސާ އެވަރުގައި އެހުރީ އިންޑިއާ ސަރުކާރުން ދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕްއާ އެކުގައި ކަމަށާއި އެ ކަރަންސީ ސްވެޕް ނެތް ކަމަށް ރިޒާވްގައި މިހާރު ފައިސާ ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަންނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އިރު ރާއްޖޭގެ އާންމު ހާލަތު ދަށަށް ދާ މަންޒަރު ފެންނަމުން އަންނަ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރު ޑޮލަރު ގެ އަގު 19.40 ރުފިޔާއަށް މަތިވެފައިވާ އިރު، ހަނޑޫ، ހަކުރު މުގު ފިޔާ ކިލޯއެއްގެ އަގު އަރައިގެން ދާނެ ކަމަށް ނަޝީޑު ވިދާލުވިއެވެ. މީގެ ކުރިން 300 ރުފިޔާ ހިފައިގެން ބާޒާރަށް ނިކުތީމަ ފުދޭ ކަމަށާއި މިހާރު 500 ރުފިޔާއިން ވެސް ނުފުދޭ ހާލަތަށް ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ސަރުކާރު ވެރި ކަމަށް އައި ފަހުން ކުއްޔާއި ކަރަންޓާއި ފެން ވެސް ކުޑަ ނުވާ ކަމަށާއި ވީ ވަރަކުން އަތުންދާ ފައިސާ ވަނީ އިތުރު ކަމަށް ނަޝީދު ވިދާޅުވިއެވެ. މުސާރަ ވެސް އިތުރު ނުވާ ތަނުގައި އެހެނިހެން ހަރަދުތައް އިތުރުވެގެން ދިއުމަކީ ރައްޔިތުންގެ އެންމެ ބިޑު ކަންބީޑުވުންތައް ކަމަށް ނަޝީދު ވިދާޅުވިއެވެ. ސަރުކާރުން ކުރާ ހަރަދުތައް ކުޑަ ކޮށްފައިވާ ކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވީ، އިތުރު އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށާއި ހަމައެކަނި ދެނީ މުސާރަ އެކަނި ކަމުން ހަރަދު ކުޑަ ވާން ޖެހޭނެ ކަމަށެވެ.
އެހެންކަމުން ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަނެ ރައްޔިތުންނަށް އާންމު ހާލަތު ހޯދައި ދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަކީ ދަރަނި ދައްކަން އެނގޭ ޕާޓީއެއް ކަމަށާއި ގައުމު އާންމު ހާލަތު ރަނގަޅު ކުރަން ކުރަންޖެހޭ ކަންކަން ވެސް އެނގޭ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީއަކީ ހިސާބު ޖަހަން އެނގޭ އަދި ދެން ވާން އޮތް ގޮތް އެނގޭ ޕާޓީއެއް ކަމަށާއި އެ ރަނގަޅު ބަދަލިތައް ގެނެސްދޭނެ ޕާޓީއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
2023 ވަނަ އަހަރު އެމްޑީޕީން ވަކިވެވަޑައިގެން ރައީސް ނަޝީދު މިރޭ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އަދި އެމަނިކުފާނާ އެކު އޭރު ޑިމޮކްރޭޓްސްއަށް ގުޅިވަޑައިގެން އެމްޑިޕީގެ މެންބަރުންވެސް މި ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ރައީސް ނަޝީދު ވިދާޅުވީ، 2 އަހަރު ދުވަހު އެމްޑީޕީއާ ދުރުގައި ހުރުމަށް ފަހު އަނބުރާ ޕާޓީއާ ގުޅުމަކީ އަނބުރާ ގެއަށް ވަޑައިގަތުން ފަދަ އިހްސާސެއް ކުރުއްވި ކަމަށެވެ.