އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންކަމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް އިތުބާރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވޯޓްގެ ސައްކަން ކަށްވަރުކުރަން ޖެހޭ ކަމަށާއި އެމަސައްކަތް ކުރުމަށްޓަކާ ވޯޓުލުމަށް ދާ މީހުންގެ އައިޑީކާޑާއި ލިސްޓާއި ދިމާވޭތޯ ބެލުމާއި ވޯޓް ނިމުމަށްފަހު ކަރުދާހުގެ އަދަދު ދިމާވޭތޯ ބެލުން ކަހަލަ ކަންކަން ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ވޯޓަކީ އެމްޑީޕީ އަށް ފަރިތަ އެއްޗެއް ކަމަށާއި ކުރިއަށް އޮތް ޕްރައިމަރީގެ ކަންކަން އިންސާފުވެރިކަމާއި އެކު ކުރިއަށް ގެންދިއުމަށް ވަރަށް ރަނގަޅަށް ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

އެ މަސައްކަތް ކުރުމަށް ޕާޓީގެ ޗެއާޕާސަން އަށް އިތުބާރު އޮތް ކަމަށާއި އިންތިހާބުގެ އިންތިޒާމް ކޮމިޓީ އަށް އިތުބާރުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް އަދި އިންތިޒާމު ކޮމިޓީއަށް. އެ ބޭފުޅުން މިކަންކަން ރަނގަޅަށް ބަލަހައްޓަދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު މިހެން ވިދާޅުވެފައިވާއިރު ނަޝީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ތެރޭގައި ފައްޔާޒަށް ތަފާތު އެކި ތުހުމަތުތައް ކުރައްވާފައެވެ. އަދި ފައްޔާޒަކީ ކޮރަޕްޓް ބޭފުޅެއް ކަމަށް ވެސް ނަޝީދު މީގެ ކުރިން ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދާނީ 28 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އާ ހަމައަށެވެ.

ޕްރައިމަރީގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، މާލެ ސަރަހައްދުގައި ޖުމްލަ 49 ވޯޓުފޮށި ފޮށި ބަހައްޓަން ވަނީ ނިންމައިފައެވެ.

މާލެ ސަރަހައްދުގައި ވޯޓުފޮށިތައް ބަހައްޓަނީ ސީއެޗްއެސްސީ އާއި އަމީނިއްޔާ އާއި އެމްއެންޔޫ އާއި އިސްކަންދަރާއި ހިރިޔާ އާއި އިމާދުއްދީނާއި މާފަންނު މަދަރުސާ އާއި ތާޖުއްދީނާއި އިއްޒުއްދީނާއި ރެހެންދި އަދި ކަލާފާން އިތުރަށް މުހިއްދީން ސްކޫލްގައެވެ. އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ވޯޓު ފޮށި ބަހައްޓަނީ ރަށްރަށުގެ ސްކޫލްތަކުގައެވެ.