ލ.އަތޮޅުގައި ދެ ކޯޒްވޭއެއް އަޅައި ފަސް ރަށެއް ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 81.2 މިލިއަން ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ރިވެޓްމެންޓް 390 މީޓަރު، ލ. ކަޅައިދޫ އިން ލ. މެންދު – 157.5 މީޓަރު ބްރިޖު ލ. މެންދޫ އިން ލ. ކުނަހަންދޫއަށް 157.5 މީޓަރުގެ ބްރިޖު އަދި 714 މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

މީގެ އިތުރުން ލ. ކަލައިދޫ، ލ. ދަނބިދޫ ކޯޒްވޭގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 155.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 271 މީޓަރުގެ ރިވެޓްމެންޓް، ލ. ކަލައިދޫ އިން ލ. ދަބިދޫއަށް 225 މީޓަރުގެ 3 ބްރިޖު އަދި 85 މީޓަރުގެ މަގު ހެދުން ހިމެނެއެވެ.

އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފަރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ.