ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރި ޕްރޮގްރާމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅަމުން ދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިންގް އެންޑް އިންފްރާސްރަކްޗާ އިން އިލްތިމާސް ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ، ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން "ގެދޮރުވެރިޔާ/ ބިންވެރިޔާ ސްކީމް" އާ ގުޅޭގޮތުން ބައެއް ފަރާތްތަކާ ގުޅައި، ފޯމާއެކު މަދުވާ ކަމަށް ބުނާ އިތުރު ލިޔެކިޔުން ހުށަހެޅުމަށް އެދި ގުޅަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. 9349119 މޯބައިލް ނަންބަރުން އެކި ފަރާތްތަކަށް ގުޅަމުންދާ ކަން ފާހަގަ ވެފައިވާ ކަމަށާއި، އެ ނަންބަރުން އެ މިނިސްޓްރީގެ ރިސެޕްޝަނަށް ކޯލް ޑައިވާޓް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
9349119 ނަންބަރުން ގުޅައިގެން މީހަކާ ދެއްކި ވާހަކަ 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން މީޙަކު ބުނީ، އެ ނަންބަރުން ގުޅި މީހާއަށް ފޯނު ނެގި މީހާގެ ސީދާ ނަން ވެސް އެނގޭ ކަމަށެވެ. ނަމުން މުހާތަބުކޮށް މޯބައިލް ނަންބަރަކީ ސީދާ އެ މީހާ ބޭނުން ކުރާ ނަންބަރު ތޯ ވަނީ އަހާފައެވެ. ސްޕޭމް ކޯލެއް ކަން އެނގުނު ގޮތް ހިއްސާ ކުރަމުން އެ މީހާ ބުނީ ފްލެޓް ހޯދުމަށް ފޯމް ހުށަހަޅާފައިވާނެ ތޯ އަހައި އެ ގުޅަނީ ހައުސިން މިނިސްޓްރީން ކަމަށް ބުނެ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށް ބުނި ކަމަށް ބުނުމުންނެވެ. އަދި އެއަށް ފަހު ކުއްލިއަކަށް ފޯނު ކަނޑާލުމަށް ފަހު އެ ނަންބަރު ވަނީ 'ދަޕްރެސް' އާ ހިއްސާކޮށްފައެވެ.
'ދަ ޕްރެސް' އިން އެ ނަންބަރަށް ގުޅުމުން އެކޮޅުން ޖަވާބު ދިން މީހާ ފޯނު ނެގުމަށް ފަހު ވާހަކަ ދައްކަމުން ގުޅަނީ ކޮން ބޭނުމަކު ތޯ ވަނީ އަހާފައެވެ. އެ ނަންބަރުން އެންމެ ފަހުން ގުޅި ކުއްޖާއަށް ގުޅިންތޯ އެހުމުން ވާހަކަ ދައްކަނީ ކާކުތޯ އެ ފަރާތުން ސުވާލު ކުރިއެވެ. ޖަވާބު ނުދެވެނީސް 'ދަ ޕްރެސް' ގެ ފަރާތުން ގުޅި ނޫސްވެރިޔާގެ ނަން ހާމަކުރުމުން އެކޮޅުން ވަނީ ކޯލް ކަނޑާލާފައެވެ. އެއަށްފަހު އެ ނަންބަރަށް ގުޅޭ ގޮތެއް ނުވެއެވެ.
މި ކަމާ ގުޅިގެން ހައުސިން މިނިސްޓްރީން ބުނީ، އެ ނަންބަރަކީ ހައުސިން މިނިސްޓްރީގެ ނަންބަރެއް ނޫން ކަމަށާއި ބެލެވޭ ގޮތުގައި އެއީ ސްކޭމް ކޯލެއް ކަމަށެވެ. އަދި ހައުސިން މިނިސްޓްރީން އެ ގޮތަށް ނުގުޅާނެ ކަމަށް ވެސް ވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:00 ގެ ފަހުން އެ މިސްޓްރީން އެއްވެސް ރައްޔިތެއްގެ މައުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމެންޓެއް ހުށައެޅުމަށް އެއްވެސް މުއާމަލާތެއް ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ފޯނުން ގުޅައިގެން އެއްވެސް މުއާމަލާތެއް ނުހޯދާނެ ކަމަށް ކަމަށް ވެސް ބުނެއެވެ.
މި ފަހަކަށް އައިސް އެކި ކަންކަމުގައި އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް ކޯލްތައް ކުރާ ކަން ވަނީ ފާޙަގަ ވެފައެވެ. އެ ގޮތުން އެޗްޑީސީ އާއި ބީއެމްއެލް ފަދަ ކުންފުނިތަކުގެ ނަމުގައި ގިނަ ބަޔަކަށް ގުޅައި ކޯލްތަކުން ފައިސާ ހޯދަން މަސައްކަތް ކޮށްފައިވާ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.
ސްކޭމްގެ މި ފަދަ މައްސަލަތައް އިތުރުވަމުން އަންނަ އިރު މިފަދަ ސްކޭމްތައް ހިންގާ ފަރާތްތައް ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެއެވެ. ނަމަވެސް ސްކޭމްގެ މިފަދަ މައްސަލަތަކުގައި އަދި ކުރިއެރުމެއެް ފެނިފައެއް ނުވެއެވެ.