އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ރައީސް ސޯލިހު ކަނޑައެޅިގެން ހުއްޓުވާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި ނަމަވެސް އެވާހަ ދިމާނުވާކަން ހާމަވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ނަޝީދު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމްޑީޕީ މެންބަރަކު އަނިޔާއާއި ކޮރަޕްޝަނަށް އަބަދުވެސް އިދިކޮޅުވާނެ ކަމަށާއި އެމްއެމްޕީއާރްސީ މައްސަލާގައި 270 މީހަކަށް ދައުވާ ކުރަން ޖެހުނު ނަމަވެސް ދައުވާކުރީ އެންމެ މީހަކަށް ކަމަށެވެ.

ނަމަވެސް ހުސްވި ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 11 ފަރާތަކަށް މަދަނީ ދައުވާކުރުމަށް ފޮނުވާފައިވާކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މި ސަރުކާރުގެ ކޮރަޕްޝަން ކަމުނުދާ ކަމަށާއި ކޮވިޑްގެ އެންމެ އުނދަގޫ ދުވަސްވަރު ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ނާޖާއިޒު ގޮތުގައި އެކި ގޮތް ގޮތް ހަދައިފި ކަމަށެވެ.

"ހަމަ ކަނޑައެޅިގެން ހުއްޓުވައިފާ އޮތް ކަމެއް އެއީ. އަޅުގަނޑަށް އޯކޭ ނުވެގެން މިއުޅެނީ މި ސަރުކާރުގެ ކޮރަޕްޝަން. ކޮވިޑްގެ އެންމެ އުނދަގޫ ދުވަސްވަރު ގެންނަން އުޅުނު ވެންޓިލޭޓަރުތައް އެ އެއްޗެހިން ނާޖާއިޒު ގޮތުގައި އެކި ގޮތް ގޮތް ހަދައިފި. މީ ވަރަށް ވިޔާ ދުވާ ކަންކަން. އެ ކަން ކަމާ އެއް ގޮތަކަށް އަޅާލެވިފައެއް ނެތް."
ރައީސް ނަޝީދު

ވެންޓިލޭޓަރު މައްސަލައިގައި މިހާތަނަށް ކަން ހިނގާފައި ވާ ގޮތަށް ބަލާ އިރު ކޮރަޕްޝަންގެ ތުހުމަތު ކުރެވި ޖުމްލަ 11 މީހަކަށް ދައުވާ ކުރަން 4 ފަހަރެއްގެ މަތިން އޭސީސީން ފޮނުވިއެވެ. ނަމަވެސް ތަހުގީގު ފުރިހަމަ ނުވެގެން ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުން އޭގެ ތެރެއިން 8 މީހެއްގެ މައްސަލަ ފައިލް ކޮށް 3 މީހަކަށް ދައުވާ ކޮށްދޭން އެދި އޭސީސީން ވަނީ ޕީޖީއަށް ހުށަހަޅާފައެވެ.

އެމްއެމްޕީއާރްސީ ގެ މައްސަލާގައި ވެސް ލޯ ލާރިއެއްވެސް ހޯދިފައި ނުވާކަމަށް ނަޝީދު ވިދާޅުވާ ވާހަކަފުޅަކީ ތެދެކެވެ. އެ ހިޔާނާތާ ގުޅޭ އެއްވެސް ފައިސާއެއް ދައުލަތަށް ވަދެފައި ވާ ކަމަށް އެއްވެސް ލިޔެކިޔުމަކުން ނުދައްކައެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އެ ފައިސާ ނުހޯދިގެން އުޅެނީ ރައީސް ސޯލިހު މަސްލަހަތެއް ހިފަހައްޓަން ޖެހިވަޑައިގަންނަވާތީ ކަމަށާއި އެހެންނަމަވެސް ނަޝީދު ހިފަހައްޓަވަން ޖެހިވަޑައިނުގަންނަވާ މަސްލަހަތެއް ނެތްކަމަށް ވިދާޅުވެ މާދަމާވެސް [ވެރިކަން ލިބިވަޑައިގަތުމުން] ހައްގު ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވިދާޅުވީ، އެމްޑީޕީގެ ހުރިހާ މެންބަރުންވެސް އެމަނިކުފާނާއެކު މަސައްކަތް ކުރަން ނިކުންނާނެ ކަމަށާއި އެމްޑީޕީގެ މެންބަރުންގެ އިތުރުން އެހެން އިތުރު ޕާޓީތަކުގެ މެންބަރުންވެސް ތާއީދުކޮށް ވޯޓު ދިނުމަށް ތިބީ ތައްޔާރަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މަސައްކަތް ކުރައްވަނީ ހަމައެކަނި އެމްޑީޕީއާ އެކީ ކަމަށާއި މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ އެމްޑީޕީއިން ހުދު މުހުތާރު ވެރިންނާއި ބަޣާވާތް ކޮށްފައިވާ ވެރިންނާ އެކީ މަސައްކަތް ކުރުން ކަމަށެވެ.