ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނު އަސާސީ އިން ލިބިފައިވާ ބާރުގެ ދަށުން އައްޔަން ކުރާ ސިޔާސީ ވެރިންނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނޯކިރީން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ގދ. ގައްދޫގައި ބޭއްވި ޖަލްސާއެއް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮލަމާފުށީގައި މަހަށް ފުރާ މިހާރު އޮންނަނީ 4 ދޯނި ކަމަށާއި އެމްޑީޕީ ސިޔާސީ ހަރަކާތް ފަށައިގަނެވުނު އިރު އެ ރަށުގައި މަހަށް ފުރާ 18 ދޯނި އޮތް ކަމަށެވެ. އަދި އެ ސިނާޔަތު ދަނީ ހީނަރުވަމުން ކަމަށާއި އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކުރާކަށް ސަރުކާރު ނުވިސްނާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއިން ބުނީ މިއިން ކޮންމެ ރަށެއްގައި ހާއްސަކޮށް މަސްވެރި ރަށްރަށުގައި ރަށުގައި މަސް ބަންދުކުރެވޭނެ ގޮތްތަކެއް ހޯދައިދޭނެ ކަމަށް ކަމަށާއި ސަރުކާރުން އެ މަސައްކަތް ނުކޮށް ގަނޑުކޮށްފައި މަސް ރައްކާ ކުރެވޭނެ ގޮތް ކުރިއަރަމުން އައީ އިއްތިހާދުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

ސަރުކާރު އެކުލެވިގެން އައީ ތާއީދު މަދު ބަޔަކަށް ސަރުކާރުގެ ބޮޑު އިންސައްތައެއް ދެވިގެން ކަމަށާއި ތާއީދު ހޯދަން ދޫކޮށްލީ ސިޔާސަތުތަކާއި ސަރުކާރުގެ މަގާމުތައް ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ރައީސް އޮފީހުގައި ހުންނަވަނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށާއި އެއީ މަސްވެރިކަމާ ބެހޭ ގޮތުން ވިސްނާ ބޭފުޅެއް ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަގު 17 ރުފިޔާގައި ޑީސަލް ލީޓަރެއްގެ އަގު 19 - 21 ރުފިޔާ އާ ދޭތެރޭގައި. އައިސް ޓަނެއް 800 ރުފިޔާ. މަސް ކިރަނީ 5 ޓަނު. ލާރި ދެނީ މަހެއް ފަހުން"
ނަޝީދު

ސަރުކާރުން މަސައްކަތް ކުރައްވަމުން އައީ ވަރަށް ވެސް ހީލަތްތެރި ރޭވުމެއްގައި ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މަހުގެ އަގު 17 ރުފިޔާ ބަހައްޓާފައި އެހުރި ގަސްތުގައި ކަމަށާއި އެކަމުން ލިބޭ އާމްދަނީ ކުޑަވެ، ޒުވާނުން މަހަށް ނުފުރާ ފެނަކަ ނުވަތަ އަރްޑީސީގެ މަސައްކަތު މީހެއްގެ ގޮތުގައި ހުންނާނެ ކަމަށެވެ. އަދި އެ މުވައްޒަފެއްގެ މިނިވަންކަމުގެ މައްޗަށް އަރައިގަނެ، ވިސްނުން ވަކި ގޮތެއްގައި ބެހެއްޓޭނެ ކަމަށް ސަރުކާރުން އުންމީދު ކުރި ކަމަށެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާއަކީ ހިތަކަށް ލިބިފައިވާ އެއްޗެއް ނޫން ކަމަށާއި 115 ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ސިޔާސީ ވެރިންނަކީ ރައީސްގެ ނޯކަރީންނެއް ނޫން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ނޮވެންބަރު 11 ވަނަ ދުވަހުން ފެށިގެން މަސް ކިލޯއެއްގެ އަގު 25 ރުފިޔާގައި ބަހައްޓައިދޭނެ ކަމަށާއި އެއީ އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުފުޅެއް ކަމަށެވެ.