ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކުރުމަށް އަންނަ ހަފްތާގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީންގެ މައްޗަށް އުފުލީ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެ އެ މަނިކުފާނު 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ޖަމީލް ވިދާޅުވީ ޔާމީންގެ މައްސަލަ އިސްތިއުނާފު ކުރުން މިހާތަނަށް ވެސް ލަސްވެގެން ދިޔަ މައިގަނޑު ސަބަބަކީ އެއީ ބޮޑު ރިޕޯޓެއް ކަމަށް ވާތީ އެއްކޮށް ނުބަލައި، އިސްތިއުނާފަށް ހުށަހެޅެން ނެތީމުން ކަމަށެވެ. އެހެންކަމުން އެކަމަށް ވަގުތު ބޭނުންވާ ކަމަށާއި އެކަމަކު ކުރިއަށް އޮތް ހަފްތާގައި އިސްތިއުނާފަށް ހުށަހެޅޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޔާމީންއަށް ކުރެއްވި ހުކުމާ ގުޅިގެން ޖަމީލް ވިދާޅުވީ ޔާމީންގެ މައްސަލަ ނިމުމާ އެކު ކޯޓުން އަމަލުކުރި ގޮތަކީ ވެސް މިހާ ހިސާބަށް އައިއިރު ރާއްޖޭގައި ޖިނާއީ މައްސަލައެއްގައި ފެނިފައި ނުވާ ކަންތައްތަކެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ އިސްތިއުނާފީ ކޯޓުތަކުގައި އާއްމު ގޮތެއްގައި ބާއްވަން ޖެހޭނީ ދޭއް ނުވަތަ ތިން އަޑުއެހުން ކަމަށާއި އެހެންކަމުން މަހެއްހާ ދުވަހުގެ ތެރޭގައި ހައިކޯޓުން ރައީސް ޔާމީންގެ މައްސަލަ ނިންމޭނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެސް ހައިކޯޓުގައި ރައީސް ޔާމީންގެ މައްސަލަ އަހަރަކަށްވުރެ ދިގު ދެމިގެން ދިޔަކަން ޖަމީލް ފާހަގަކުރެއްވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، ޔާމީން ކަފާލާތުގެ ދަށުން މިނިވަންކޮށްދޭން ހައިކޯޓުގައި އެދިވަޑައިގަންނަވާނެ ކަމަށެވެ.

މާފުށި ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ވަކޫލުންގެ ޓީމު އިއްޔެ މާފުށި ޖަލުގައި ރައީސް ޔާމީންއާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށްފަހު އަދުރޭ ވިދާޅުވީ ރައީސް ޔާމީން އާ ބައްދަލުވެއްޖެ ކަމަށާއި އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖައްސަވާނެ ކަމަށާއި އަޅުވެތިކަމަށް ބޯނުލަންބަވާނެ ކަމަށް ޔާމީން ވިދާޅުވެފައި ވާ ކަމަށެވެ.

މައުސޫމުކަން ސާބިތު ކޮށްދެއްވާނެ ކަމަށް ޔާމީން ދައްކަވާ ވާހަކަ ތަކުރާރު ކުރައްވަމުން، ރައްޔިތުން މާޔޫސް ނުވެ ގަދަކޮށް ތިއްބުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.